ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމުންނާ ދެކޮޅަށް އިޒްރޭލުން ނަސްލު ނައްތާލުމުގެ އަމާޒުގައި ހިންގަމުންދާ އަމަލުތައް ހުއްޓުމަށް އެ ކޯޓުން ކުރި ހުކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އައިސީޖޭގެ ހުކުމަށް މަރުހަބާ ދަންނަވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ އިންސާނެއްގެ ފުރާނައަކީ އަގުހުރި، އަދި ހިމާޔަތްކުރެވެން ޖެހޭނެ އެއްޗެއް ކަމަށެވެ. އަދި އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ސަބަބުން ފަލަސްތީނުގެ މައްސަލައިގައި ސުލްހައެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

މި ޕޯސްޓުގައި ރައީސް ވަނީ، ފަލަސްތީނުގެ މައްސަލައިގައި ދާއިމީ ސުލްހައެއް އަންނާނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރެވިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

ދެކުނު އެފްރިކާ އިން ކުރި ޖަރީމާގެ ތުހުމަތާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ނިންމި ނިންމުމުގައި އެ ކޯޓުގެ 17 ފަނޑިޔާރުން ވަނީ ހަ އަމުރެއް ނެރެފައެވެ. މި އަމުރުތަކުން އިޒްރޭލަށް އިރުޝާދު ދެނީ އެގައުމުގެ އަސްކަރީ ކެމްޕެއިންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި، ގަތުލުއާންމުކުރުމަށް ހިތްވަރު ދޭ ނަމަ އެކަން ހުއްޓުވައި އަދަބު ދިނުމަށާއި ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރު ކުރުމަށެވެ.

ގަތުލުއާންމުގެ ތުހުމަތުތަކުގެ އަސްލާ މެދު ފަނޑިޔާރުން ވަކި ގޮތެއް ނުނިންމައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަސްކަރީ ކެމްޕޭނުގައި މިހާތަނަށް 26،083 މީހުން މަރުވެ، 64،487 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެއެވެ.