އެއްގަމު އުޅަނދުފަހަރުގެ އަދަދު ކަނޑައަޅާ ގަވައިދު އިސްލާހުކޮށް ކުރިއަށް އޮތް ދެ މަހުގެ ތެރޭ އާންމުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ، އެއްގަމު އުޅަނދުފަހަރުގެ އަދަދު ކަނޑައަޅާ ގަވައިދު އިސްލާހުނުކޮށް އޮތުމުން، ރަށްރަށާއި ސިޓީތަކުގައި އުޅަނދުފަހަރު ދުއްވޭނެ އަދަދު ކަނޑައެޅުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ގަވައިދުގެ ހަތްވަނަ މާއްދާގައިވާ ގޮތުން، އުޅަނދުފަހަރުގެ އަދަދު ކަނޑައެޅުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި ސިޓީތަކުގެ ކައުންސިލުތަކުން ކުރާ ދިރާސާގައި 21 ކަމެއް ހިމެނުން ލާޒިމެވެ. އެ ކަންކަމަކީ:

  1. ރަށް ނުވަތަ ސިޓީގެ އާބާދީ އާއި އާބާދީ އިތުރުވަމުންދާ ނިސްބަތް
  2. ރަށްރަށަށް ނުވަތަ ސިޓީތަކަށް ޒިޔާރަތްކުރާ މީހުންގެ އާބާދީގެ
  3. ރަށްރަށާއި ސިޓީތަކުގައި އުޅަނދުފަހަރު ޕާކްކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިން
  4. ރަށްރަށާއި ސިޓީތަކުގައި އެކި ދުވަސްދުވަހު އުޅަނދުފަހަރު ދުއްވާ އަދަދު
  5. އުޅަނދުފަހަރު އެންމެ ގިނައިން ދުއްވާ ގަޑިތައް
  6. އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ ގޮތް
  7. އެކި ދުވަސްތަކުގެ އެކި ވަގުތުތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުންގެ އަދަދު
  8. އުޅަނދުފަހަރު ދުއްވުމަށާއި ޕާކްކުރުމަށް، މަގުތަކާއި ޕާކްކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު
  9. އާންމުކޮށް އެތެރެކުރާ އުޅަނދުފަހަރުގެ އަދަދާއި ބާވަތްތައް
  10. އާންމުކޮށް އެތެރެކުރާ އުޅަނދުފަހަރުގެ އުމުރު
  11. އެ އުޅަނދުފަހަރު ބޭނުންކުރުމަށް އެކަށީގެންވާ އެންމެ ދިގު މުއްދަތު
  12. އުޅަނދުފަހަރު އާންމުކޮށް ބޭނުންކުރާ އެންމެ ދިގު މުއްދަތު
  13. އެތެރެކުރެވޭ އުޅަނދުފަހަރުގެ އަގުތައް
  14. ރަށް ނުވަތަ ސިޓީގެ އާބާދީގެ ނިސްބަތުން އުޅަނދުފަހަރު ބޭނުންކުރާ ނިސްބަތާއި ބާވަތްތައް
  15. ރަށް ނުވަތަ ސިޓީގެ އާބާދީގެ ނިސްބަތުން ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ނިސްބަތް
  16. ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ނިސްބަތާއި ބާވަތްތައް
  17. އުޅަނދުފަހަރުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ސަރަހައްދުތަކުގައި ހިމެނޭ ހޮޓެލްތަކާއި ގެސްޓްހައުސްތައް ހިންގާ ރަށްރަށާއި ރިސޯޓުތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރާ އުޅަނދުފަހަރުގެ ނިސްބަތާއި ބާވަތްތައް
  18. ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުފަހަރުގެ ނިސްބަތާއި ބާވަތްތައް
  19. އުޅަނދުފަހަރުގެ އަދަދު ކަނޑައެޅުމުގެ ސަބަބުން، ކަމާ ގުޅުންހުރި ވިޔަފާރިތަކަށާއި އުޅަނދުފަހަރު ގަންނަން ބޭނުންވާ މީހުންނަށް ކުރާނެ މާލީ އަސަރު
  20. އުޅަނދުފަހަރު ކަނޑައެޅުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު
  21. އުޅަނދުފަހަރު ކަނޑައެޅުމަށް ބޭނުންވާ ރަށްރަށާއި ސިޓީތަކުގެ އިގްތިސޯދަށާއި ގައުމުގެ އިގްތިސޯދަށް ކުރާނެ މާލީ އަސަރު

ބެލެވޭ ގޮތުގައި އަމީން އަލިއަޅުވާލެއްވީ އެއްގަމު އުޅަނދުފަހަރުގެ އަދަދު ކަނޑައެޅުމަށްޓަކައި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ހަދަން ޖެހޭ ދިރާސާ ހެދުމަށްޓަކައި މި ހުރިހާ ކަމެއް ހިމަނަން ޖެހުމުން ކައުންސިލްތަކަށް ދިމާވާ ދަތިތަކަށެވެ.

"ވުމާއެކު، ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް، މިދެންނެވި ގަވާއިދަށް ބަދަލުގެނެސް ﷲ ގެ ވާގިފުޅާއެކު، ކުރިޔަށްއޮތް ދެ މަސް ދުވަހުގެ ތެރޭގައި ޢާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދަންނަވަން،" އަމީންގެ ޕޯސްޓުގައި ވެއެވެ.

އަމީން މިފަދައިން ޕޯސްޓެއް ކުރައްވާފައި ވަނީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި މާލޭގައި ދުއްވޭނެ އުޅަނދުފަހަރުގެ އަދަދު ކަނޑައަޅުއްވާނެ ކަމަށް، އާ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނިކޮށެވެ. ހަމަ އެހެންމެ ޓްރާންސްޕޯޓް މިނިސްޓްރީން މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވަނީ، މާލޭގެ ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭރުގެ ތަޖުރިބާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަން ވެސް ހާމަކުރައްވައިފައެވެ.