މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ވިސްނަވާފައިވާ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރާއެކު ވެސް މަޝްވަރާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގައި މިނިސްޓަރު އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މޭލޭގެ ޕާކިން ސްލޮޓްތަކާ ގުޅޭ ޝަކުވާތައް ކެމްޕެއިންގެ ތެރޭގައި ދޮރުން ދޮރަށް ހިންގެވިއިރު، ގިނަ ބަޔަކު ފާހަގަ ކުރި ކަމަށާއި އެ މައްސަލަތައް ބަލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ސީދާ އާޒިމްއަށް ޝަކުވާ ލިބޭފަދަ އިންތިޒާމަކާއެކު އެފަދަ މައްސަލަތައް ހުށަހެޅުމަށް ވަރަށް އަވަހަށް ޑެސްކެއް އެކުލަވާލާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސިޓީ ކައުންސިލުން ދޭ ނަންބަރަށް ނުވަތަ އީމެއިލްއަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލާ އެކަމަށް ހައްލު ހޯދަ ދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިކަން ކުރައްވާނީ ކަންކަން ހިނގަނީ ގާނޫނާއި އެއްގޮތަށްކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އެކަން ކުރައްވާނީ ނިމިދިޔަ ދައުރުގައި ހިދުމަތް ކުރި ފަރާތްތަކުން ހަދާފައިވާ ގޯސްތައް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށެވެ.