ގްރޭޓާ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް އެކްސްޕަޓީސް (ބޭރުގެ ތަޖުރިބާ) ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިފަދައިން ވިދާޅުވީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވޭތުވެދިޔަ 5 އަހަރު ތެރޭގައި މުޅި ރާއްޖޭގައި 69،780 ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރެވިފައި ވާއިރު، އޭގެތެރެއިން 42،000 އަށްވުރެ ގިނަ އުޅަނދުކަން އަމީން ފާހަގަ ކުރެއްވިއެވެ. އަދި މި އަދަދަށް އުޅަނދުތައް ރަޖިސްޓްރީވަމުންދާ ކަމުގައިވާނަމަ، މާލެ އޭރިއާގެ ޓްރެފިކް ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުގެ ތެރެއިން އުސޫލެއްގެ ދަށުން އެކަން ކޮށްފިނަމަ މި އަދަދަށް ރަޖިސްޓްރީ ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކާ ގުޅިގެން ވަގުތުން ވަގުތަށް ގެނެވޭނެ ހައްލުތައް ބެލުމަށް ޓެކްނިކަލް ޕްލޭންއެއް ހަދަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މާދަމާ އިންޓަނޭޝަނަލް ފަންޑިންއާއެކު ރާއްޖޭގެ (ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގެ) ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ޕްރޮފެޝަނަލް އެކްސްޕާޓީސް ހޯދުމަށް ޕްރޮޖެކްޓެއްގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ދަށުން ލިބޭ ލަފާތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުމުގެ އިތުރުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި ވެސް ޓްރެފިކް މައްސަލަ ހައްލުކޮށްފައިވާ ދުނިޔޭގެ ގައުމުތަކުން އެކަމުގެ ތަޖުރިބާކާރުން ގެނެސްގެން ހުރި މައްސަލަތައް ބަލައި ހައްލުތަކެއް ހޯދުމަށް ދަންނަވާފައިވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ބޭރުގެ ތަޖުރިބާ ކާރުންގެ އެހީގައި އެކަން ހައްލު ކުރަން ފަސޭހަ ވާނެ ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވާކަން އަމީން ފާހަގަ ކުރެއްވިއެވެ. އެގޮތުން ވަރަށް އަވަހަށް ޕާކިން ބިލްޑިންތަކެއް އިއުލާނު ކުރައްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.