ރާއްޖެ އަންނަ ޗައިނާގެ ރިސާޗް އުޅަނދެއް ކަމަށްވާ 'ޝަންގް ޔަންގް ހޮންގް 3'ގެ ހަރަކާތްތައް ގާތުން ބަލާނެ ކަމަށް އިންޑިއާގެ ނޭވީ ޗީފް، އެޑްމިރަލް އާރް ހަރީ ކުމާރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހަރީ ކުމާރު ވިދާޅުވީ މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި މީގެ ކުރިން ކޮންފްލިކްޓެއް ނެތް ނަމަވެސް، މި ފަހަކަށް އައިސް މަސްލަހަތު ގޯސްވަމުން ދާތަން ފެންނަކަމަށެވެ.
އިންޑިއާ ކަނޑުގައި ޗައިނާގެ އުޅަނދުތައް ގިނަވަމުންދާކަން ފާހަގަކޮށް ކުމާރު ވިދާޅުވީ ގިނައިން ފެންނަނީ ދިރާސާ ކުރާ އުޅަނދުތަކާއި މަސްބޯޓުތައް ކަމަށެވެ. މީގެ އިތުރުން ކުމާރު ވިދާޅުވީ އެ އުޅަނދުތަކުގެ ހަރަކާތްތައް ގާތުން ބަލަމުން ގެންދާނެ ކަމަށާ އަދި ކުރަނީ ކޮން ކަހަލަ ދިރާސާއެއްކަންވެސް ބަލާނެކަމަށެވެ.
މީގެ އިތުރުން ކުމާރު ވިދާޅުވީ ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގައި ޗައިނާގެ އުޅަނދުތަކެއް ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް ރާއްޖެއަށް ދަތުރުކުރަމުން ދަނީ ރާއްޖޭގެ ދައުވަތަކަށް ކަމަށްވެސް ވެދާނެ ކަން ފާހަގަކުރައްވަމުން ކުމާރު ވިދާޅުވީ އެ ހުރިހާ ހަރަކާތްތަކެއްވެސް ގާތުން ބަލަމުންދާނެ ކަމަށެވެ.
ކުމާރު މިހެން ވިދާޅުވެފައިވާއިރު، ޗައިނާގެ ސާވޭ ބޯޓެއް ކަމަށްވާ "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަން ދަތުރު ފެށުމުން އިންޑިއާއިން ވަނީ އެ ބޯޓަކީ ޗައިނާގެ ޖާސޫސީ ބޯޓެއް ކަމަށް ތުހުމަތުކޮށްފައެވެ. ޗައިނާގެ މި އުޅަނދު ރާއްޖެއަށް މިސްރާބު ޖެހުމާ އެކު އިންޑިއާއިން ކަންބޮޑުވުންފާޅުކޮށްފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ އުޅަނދު ރާއްޖެއަށް އައިސް ޕޯޓް ކޯލެއް ކުރަން ޗައިނާ ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް ރިކުއެސްޓެއް ފޮނުވިކަމަށް ބުނެފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އެކުވެރި ގައުމުތަކުގެ މަދަނީ އަދި އަސްކަރީ އުޅަނދުފަހަރަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަމުން އަންނަ ކަމަށެވެ. އަދި މިފަދަ ޕޯޓް ކޯލްތަކުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ބައިލެޓްރަލް ގުޅުން ބަދަހިވެގެން ދާނެކަމަށެވެ.
ހާދަހާ މޭކަރައޭ އެބަ.