ރާއްޖެއަށް އެހީތެރިކަން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށް ދޭނެ އެންމެ ފުރަތަމަ ގައުމަކަށް ވަނީ އިންޑިއާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނުގައެވެ. ބޮޑުވަޒީރު މޯދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ސަރުކާރާއި ދިވެހި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ.

މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްވެފައި އޮންނަތާ 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅޭ "ނެއިބާހުޑް ފަސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައި ވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށް މޯދީ ވިދާޅުވިއެވެ.

ރާއްޖެ އެންމެ އިތުބާރުކުރާ ގައުމަކަށް އިންޑިއާ ވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމަށް ކަމަށް މޯދީ ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް މޯދީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެއަށް ވަޑައިގެންފައިވާ އިރު، މިއަދު ވަނީ ރާއްޖެއާއި އިންޑިއާ ދެމެުދގައި 8 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ހިންގާ އެކި މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށް ދެ ގައުމު ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅު ނިންމަވާލެއްވީ އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއެކުގައި ކަމަށް ވިދާޅުވަމުންނެވެ.

މޯދީ ރާއްޖެ ވަޑައިގެންފައި މި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްވާ އިރު، ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.