ރިސޯޓެއްގެ ފުއްޓަރު ކައިރިން ކިނބުލެއް ހިފާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، ދިގު މިނުގައި 9 ފޫޓް ހުރި ކިނބުލެއް ދ.އަތޮޅު ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިން ފެނުނު ކަމުގެ ރިޕޯޓު މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ.

އަދި އެ ކިނބޫ ހިފާ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

"މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިންވެސް ކިނބޫ ފެނިފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހއ. ހޯރަފުށި ކައިރިން 6 ފޫޓު ހުރި ބޮޑު ކިނބުލެއް އެމްއެންޑީއެފް އިން ވަނީ ހިފާފައެވެ.

އަދި ހަމައެހެންމެ އެ ދުވަސްވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ދިޔަ ބޮލިދުއްފަރު ގޮނޑުދޮށުން 14 ފޫޓުގެ ބޮޑު ކިނބުލެއް ހިފާފައިވާއިރު ސިފައިން ވަނީ އެ ކިނބޫ ހިފުމަށްފަހު، އެ ރަށާ 24 ނޯޓިކަލް މޭލު ބޭރަށް މާކަނޑަށް އެސޮރު ދޫކޮށްލާފައެވެ. މި މޫސުމުގައި ރާއްޖެއަށް ކިނބޫ އަންނަ ސަބަބެއް އަދި ސަރަހައްދެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.