ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި 2.4 މެގަވޮޓްގެ ފްލޯޓިން ސޯލާ ސިސްޓަމެއް ގާއިމުކޮށްފި އެވެ.

މިއީ އޮސްޓްރިއާގެ ކުންފުންޏެއް ކަމަށްވާ ސްވިމްސޯލް އިން އެ ރިސޯޓުގައި ގާއިމްކުރި ފްލޯޓިން ސޯލާ ސިސްޓަމެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރި އެންމެ ބޮޑު ފްލޯޓިން ސޯލާ ސިސްޓަމްވެސް މެއެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަށް ފަރުމާ ކުރި މި ސޯލާ ސިސްޓަމް ތަރައްގީކޮށްފައި މިވަނީ 15 އަހަރު ދުވަހުގެ ދިރާސާތަކަށްފަހުއެވެ. ހާއްސަ އެލުމިނިއަމް އެލޯއި އާއި ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ސިސްޓަމްގައި ރާޅުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ސަލާމަތް ކުރުމަށްޓަކައި ޕެނަލްތައް ހަރުކޮށްފައިވަނީ މޫދު ލެވެލްއަށްވުރެ 1.5 މީޓަރު އުސްމިނުގައެވެ.

މި ނިޒާމަކީ ޕްރޮގްރާމަބަލް ލޮޖިކް ކޮންޓްރޯލާ އެއްގެ އެހީގައި ކޮންޓްރޯލް ކުރެވޭ ނިޒާމެކެވެ. އިރުގެ ހަކަތައިން ބޭނުންވާ ވަރަށް ކަރަންޓު ލިބޭ ވަގުތުތަކުގައި ޑީސަލް ޖަނަރޭޓަރުތައް އަމިއްލައަށް ނިވި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް އުފައްދާ ހަކަތަ ބެޓެރީގައި ރައްކާކުރެވޭނެ ކަމަށް ސްވިމްސޯލް އިން ބުނެއެވެ.

ރާއްޖޭގެ ރިސޯޓެއްގައި މިފަދަ ސޯލާ ސިސްޓަމެއް ގާއިމްކޮށްފައިވާއިރު އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކޮށްދޭނެ އިންވެސްޓަރަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން 2024 ވަނަ އަހަރު އިއުލާންކޮށްފައި ވެއެވެ.

އެ ނިޒާމު ގާއިމުކުރަން އޭރު އިންވެސްޓަރުން ހޯދާފައިވަނީ ނިޒާމު ފަރުމާކޮށް، ގާއިމުކޮށް، އެކަމަށް އަމިއްލައަށް ފައިސާ ހަރަދުކޮށް، އޭގެ ވެރިފަރާތުގެ ގޮތުގައި އޮޕަރޭޓްކޮށް އޭގެން އުފައްދާ ހަކަތަ ޓްރާންސްފާ ކުރާ އުސޫލުންނެވެ.

ފްލޯޓިން ސޯލާ ސިސްޓަމް ގާއިމުކުރުމަށް ކަނޑަައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެއްޓަށް އަސަރުކުރާ ނިސްބަތާއި އަދި އެހެނިހެން ފަންނީ ސާވޭތަކަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށް އޭރު އަންދާޒާކޮށްފައި ވެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެންވާރަމެންޓް މިނިސްޓްރީން ފަހުން ހިއްސާކޮށަފއި ނުވެއެވެ.