ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުން ހިމެނޭހެން، އެމްޑީޕީ އާއި ޑިމޮކްރެޓުން ގުޅިގެން، ގާނޫނުއަސާސީއަށާއި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލުތަކެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ދެ ޕާޓީގެ ފަރާތުން މިކަން ހާމަކުރީ، އެ ދެ ޕާޓީން އެކުގައި ކުރުމަށް ރާވާފައި ހުރި ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދެ ޕާޓީގެ އިސްބޭފުޅުން ހިމެނޭހެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ކަންކަމުގެ ތަފްސީލު ހިއްސާކުރެއްވީ ޑިމޮކްރެޓުންގެ ރައީސް ހަސަން ލަތީފެވެ.

ހަސަން ވިދާޅުވީ، ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކެއް ހުރުމުން އެ އިސްލާހުތައް ގެނައުމުގެ މަޝްވަރާ، އެމްޑީޕީ އާއި ޑިމޮކްރެޓުން ކުރި ކަމަށެވެ. މީގެ ތެރެއިން ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލުތަކަކީ:

  • ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ހުށަހަޅާ އިސްލާހު
  • ސަރުކާރުން އައްޔަނުކުރާ ވަޒީރުންގެ އަދަދު ކަނޑައެޅުމަށް ހުށަހަޅާ އިސްލާހު
  • ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދައި ބެލެހެއްޓުމަށް ގާނޫނެއް

މި ބިލުތައް ހުށަހަޅަން ދެ ޕާޓީން ނިންމި ސަބަބާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ، މި ސަރުކާރު އައުމާ އެކު، ވަޒީރުންގެ ގޮތުގައި އައްޔަނުކުރެވޭ ބޭފުޅުންގެ އަދަދު އިތުރުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ބެލެހެއްޓުމުގައި ވަކި އިސްލާހުތަކެއް ހުށަހަޅާފައި ނެތުމުން ހިތުހުރި ގޮތަކަށް ކުންފުނިތައް ހިންގަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ އިގްތިސޯދަށް ބެލި ކަމުގައި ވިޔަސް ބޮޑު މައްސަލައެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދައިން ކަންތައްތައް ވަމުން ދަންޏާ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތައް ވަމުން ދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ، ރޯދައިގެ ފަހުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވޭނެ ގޮތް ހެދުމަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުމަށާއި، ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް ހުށަހަޅާފައިވާ ކަން ހާމަކޮށްފައެވެ.