ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އެ މިނިސްޓްރީގެ އެންޑޯސްމެންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވުމުން ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނެ، ދައުލަތުން ޒިޔާސާއި ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެންބަރު 2، 2021 ގައެވެ.
އެއާއެކު ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އިއްޔެ ހައިކޯޓުން ބުނީ އެ މައްސަލާގައި ޕީޖީއިން ހުށަހެޅުމުން ބަލަމުންދާ އިސްތިއުނާފީ މައްސަލަ މުރާޖައާކުރުމަށްފަހު އެ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށާއި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކޮށްދިނުމަށް އެދި ޕީޖީއިން ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފައިވާ ކަމަށެވެ.
ދައުލަތުން ޒިޔާދާއި އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާކުރީ މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެ ތެރެއިން ހަތަރު ބުރި ދައުލަތަށް އަދި ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް އެއް ބުރި މަދުން ލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލި މައްސަލާގައެވެ. ނަމަވެސް ޒިޔާދުގެ ފަރާތުން ކޯޓުގައި ވިދާޅުވީ އެއީ ލިޔުމުގެ ކުށެއް ކަމަށެވެ.
އެ ދައުވާގައިވާ ގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ 2019 އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.
ނަމަވެސް އެ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލް ކޮށްފައިވާއިރު އެކަމާ ގުޅިގެން އެސްޖޭއިން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.