ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕަރައިމަރީގައި ވާދަކުރަން ކުރިމަތިލީ 13 މީހަކަށް ޕްރައިމަރީއަކާ ނުލައި އެ ކޯލިޝަންގެ ޓިކެޓު ކަށަވަރު ވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލީ 13 މީހަކަށް ޓިކެޓު ކަށަވަރުވެފައިވަނީ، އެމީހުން ކުރިމަތިލި ދާއިރާއިން އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ. އެ މީހުންގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީ ޓިކެޓް ޔަގީންވި މީހުންގެ ތެރޭގައި ހިމެނެނީ ހޯރަފުށީ ދާއިރާއިން އަލީ މޫސާ އާއި ބާރަށު ދައިރާއިން އިބްރާހިމް ސުޖާއު އާއި ހަނިމާދޫ ދާއިރާއިން އިދުރީސް އަބްދުﷲ އާއި ނިލަންދޫ ދައިރާއިން ފާތިމަތު ސައުދާއެވެ. ހަމައެއާއެކު ތިމަރަފުށީ ދާއިރާއިން އިބްރާހިމް ސަނާހު އާއި ހިތަދޫ މެދު ދާއިރާއިން އަހުމަދު އަޒާން މަރުޒޫގް އާއި ހުޅުދޫ ދާއިރާއިން އަހްމަދު ޝާހިދު އާއި ގަލޮޅު ދެކުނު ދާއިރާއިން އިބްރާހިމް މުހައްމަދުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާއިން އަލީ އިބްރާހިމް އަދި ހުޅުމާލެ މެދު ދާއިރާއިން އަބްދުﷲ ޝަޒީމްއެވެ.
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ފޯމު ހުށަހެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ވަނީ ހޫނުވެފައެވެ. ބައެއް ކެންޑިޑޭޓުންގެ ފޯމް ބަލައި ނުގަތުމަށް އެ ކޯލިޝަނުން ނިންމުމުން ބައެއް އާންމު މެންބަރުން ޕާޓީގެ ދަފުތަރުން ވަކިވާން ފެށުމާ އެކު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ޕްރައިމަރީގައި ވާދަުރަން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދިނުމަށް އެ ޕާޓިން ވަނީ ނިންމާފައެވެ.
އެ ކޯލިޝަންގެ ޕްރައިމަރީގައި ބައިވެރިވާ ފަރާތްތަކަކީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެންބަރުންނަށް ވާންޖެހޭނެ ކަމަށާއި ޕާޓީއަށް ހިދުމަތް ކޮށްފައިވާ މީހުންތޯ ބަލާނެ ކަމަށް ޕްރައިމަރީއަށް ހުޅުވާލި އިރު އެ ކޯލިޝަނުން ބުނެފައިވެއެވެ.