ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ފަށައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް ކަމަށެވެ. އެ ވުޒާރާއިން ބުނީ ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަހައްދެއްގެ ސާވޭ ކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށްކަމަށެވެ.

މި މަޝްރޫޢާ ގުޅިގެން ކުރަން ރޭވިފައިވާ ބައެއް ކަންކަމަކީ

- މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުން

- ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން

- އޮޑިހަރުގެ އެޅުން

- ކަޅުއޮށްފުންމި ބަލާލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން

މީގެ އިތުރުން އެ ވުޒާރާއިން ބުނީ އެކި މަރުހަލާތަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް އަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ހިމެނެއެވެ. ކަޅު އޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާއިރު އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާއެއްހައި ދުވަސް ތެރޭ ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކަޅުއޮއްފުންމި އަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.