ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ހިދުމަތް ދެމުންދާ 19 ފަރާތެއް އާއިލާއާ ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ބުނެފައި ވަނީ އެ ފަރާތްތަކުގެ އާއިލާތަކަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި، ސެންސިޓައިޒް ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

އޭގެއިތުރުން އާއިލާތަކުން އެ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީއިން ބުނެފައިވެއެވެ.

އެ މިނިސްޓްރީއިން ފާހަގަ ކުރި ގޮތުގައި މިއީ ކޮންމެ ފަރާތަކަށް ވެސް އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އާއިލާއާއެކު އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުދިންނަށް ހެދުމަށްޓަކައި ވެސް އެ މިނިސްޓްރީއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުދިން ފޮސްޓާ ކުރުމަށް އެ މިނިސްޓްރީއިން ހުޅުވާލާފައި ވާއިރު، އެ ފަރާތްތަކަށް މާލީ އެހީ ދޭން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މަހަކު ސަރުކާރުން އެ އާއިލާތަކަށް ދޭނީ 5،000 ރުފިޔާ ގެ އިނާޔަތެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. ކުދިން ފޮސްޓާ ކުރަން އެދޭ އާއިލާތަކުގެ އެސެސްމަންޓަކާއެކު، ޓްރެއިނިން އެއް މިނިސްޓްރީން ކުރިއަށްގެންދަން ނިންމާފައިވާއިރު، ވަގުތީ ގޮތުން ކުދިން ބެލުމަށް ހަވާލުކުރާނީ ދެ އަހަރުގެ މުއްދަތަކަށެވެ.