ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން ދާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު އެކި މަގާމުތަކަށް އިންތިހާބުވެގެންދަނީ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލޯތްބާއި ކުލުނާއެކު ހިދުމަތް ކުރުމަށް ކަމަށެވެ.

ރައްޔިތުން ގާތަށް ދިއުމަކީ އެމަނިކުފާނު ވައުދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށާއި އެ ދަތުރުފުޅުތައް އަންނަ ހަފުތާގައި ފެށްޓެވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅުތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވައިދިނުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ކުރަން ހުރި ސުވާލުތަކަށް ވަޒީރުންނާ، ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކޮންމެ ދެ މަހަކު 5 ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ފޯރަމެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. އަދި މީގެ ފުރަތަމަ ފޯރަމް އަންނަ މަހުގެ ތެރޭ ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ތިން މަހުން އެއް މަހު އެމަނިކުފާނު އަމިއްލަފުޅަށް ވެސް ރައްޔިތުންނަށް އެފަދަ ފުރުސަތެއް ދެއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފޯރަމުގައި ވެސް ރައްޔިތުން ކުރަން ބޭނުންވާ ސުވާލެއް އެ މަނިކުފާނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.