އިންފުލުއެންޒާ ޖެހިގެން ފަރުވާ ދެމުންދަނިކޮށް އަންހެނަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ރޭ ގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައި ވާ ގޮތުން ރޭ މަރުވި އަންހެން މީހާއަށް އިންފްލުއެންޒާ ޖެހުނީ އޭނާ އެންމެ ފަހުން ވިހޭ ފަހުންނެވެ. އެއާއެކު ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ ހޮސްޕިޓަލުގައެވެ.

މި މަހުގެ ތެރޭގައި އިންފުލުއެންޒާ ޖެހިގެން ހާލު ބޮޑުވި އެހެން މީހަކުވެސް ވަނީ މަރުވެފައެވެ.

އިންފުލެންޒާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން މީގެ ކުރިން އިލްތިމާސް ކޮށްފައި ވާއިރު އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ތެރޭގައި 19 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވާމާ ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައި ވެސް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އިންފްލުއެންޒާ އަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށާއި އާންމުކޮށް ފެންނަނީ އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H3N2، H1N1 އަދި އިންފްލުއެންޒާ ބީ ކަމަށެވެ.