މާލެ ސަރަހައްދުން ނިމިދިޔަ ސަރުކާރުން ދިން ގޯއްޗާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޔަގީން ކަމަކީ ގޯތި ލިބުނު ލިސްޓުގައި ތިބި މީހުންނަށް ގޯތި ލިބޭނެ ކަމާއި ރަޖިސްޓްރީ ދިނުމުގެ އިތުރުން ކުރަން ޖެހޭ މަސައްކަތްތައް ދަނީ އެކުއެކީގައި ހުއްޓުމެއް ނެތި ކުރަމުން ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ލިބުނު މީހުންގެ ޝުއޫރު ފާޅުކުރުމަށް ރޭ ސަލްޓަން ޕާކުގައި ވަނީ މާލޭ ބިންވެރިންގެ ސައްލާ'ގެ ނަމުގައި ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ގޯތި ލިބުނު ފަރާތްތަކުގެ ޝުއޫރުތައް ފާޅުކޮށްފައިވާ އިރު، ސަރުކާރުގެ ފަރާތުން ވަނީ ގޯއްޗާ ގުޅުން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.
އެ ހަރާކާތުގައި ފިރުޒުލް ވާހަކަ ދައްކަވަމުން ވިދާޅުވީ ބިންވެރިޔާގެ ސްކީމްގައި ގޯތި ލިބުނު މީހުންނަށް ރައީސް މުއިއްޒު ގޯތި ދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައިވާ ކަމަށެވެ. އެގޮތުން ހަތަރު ކަމެއް މިޙަރުވެސް ހުއްޓުމެއް ނެތި ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން ފިރުޒުލް ވިދާޅުވީ، ބިން ނުހިއްކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ތަންތަން ހިއްކައި އެތަންތަނުން ގޯތި ލިބޭ މީހުންނަށް ރަޖިސް ތްރީ ހަވާލު ކުރާނެ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން ގޮރާވަރުފަޅުން 50 ހެކްޓަރު މިހާރު ހިއްކާފައިވާ ކަމަށާއި ގުޅިފަޅުން 94 ހެކްޓަރު ހިއްކާފައިވާ ކަމަށާއި، ހުޅުމާލެއިން ވެސް ހިއްކަމުން އަންނަ ކަން ފާހަގަ ކުރެއްވިއެވެ. އަދި ގިރާވަރުފަޅުންނާއި ގުޅީފަޅުން ހިއްކަން ކުރިން ބުނެފައިވާ ވަރަށް ވުރެ އިތުރަށް ހިއްކަން ނިންމާފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
މިތަންތަން ހިއްކުމުގެ އިތުރުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި އެ ތަންތަނަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތް ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އެތަންތަނުން ދީފައިވާ ގޯތިތައް ހެދުމުގެ މަސައްކަތްތައް ފެށެން ވާ އިރަށް އެ ސަރަހއްދުތަކަަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރިއަށް ކަމަށް ފިރުޒުލް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ގުޅިފަޅުގައި އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމަށް ކޮންޓްރެކްޓަރަކާ އެކު ސޮއިކުރައްވާފައި ކަމަށާއި ގިރާވަރުފަޅުގައި އެ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ޕްރޮޕޯސަލްތައް ޗައިނާގައި ބޭއްވި އިންވެސްޓުމެންޓު ފޯރަމަށް ހުށަހެޅި ގިނަ އަދަދެއްގެ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަން ފިރުޒުލް ފާޙަގަ ކުރެއްވިއެވެ. އެ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކާ އެކު އެއްބަސްވުން އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ބޭނުންވާ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.