ގއ. ވިލިނގިލީގައި ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެންދިޔަ ކުޑަކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އެ ކުއްޖާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ، ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާ އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލުމާ ގުޅިގެންނެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން އަނެއްކާވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓި ވެންޓިލޭޓަރަށް ލާންޖެހުނުއިރު އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވެ އެ ރަށުގައި ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކުއްޖާ މާލެ ފުރުވާލެވުނީ ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

މި ކުއްޖާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މައްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހާރާ މިސްކިތުގައެވެ.