މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފިރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން 4 ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުން އެ ޕާޓީން ވާދަކުރުމަށް ފުރުސަތު ހުޅުވާލި ދާއިރާތަކަކީ:

1- ވައިކަރަދޫ ދާއިރާ

2- މަކުނުދޫ ދާއިރާ

3- އިނގުރައިދޫ ދާއިރާ

4- ފެލިދޫ ދާއިރާ

އަދާލަތުން ބުނީ މި ދާއިރާތަކަށް ވާދަކުރުމުގެ ފުރުސަތު މި މަހުގެ 23 ވާ އަންގާރަދުވަހުގެ ނިޔަލަށް ހުޅުވާލުމަށް އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ނަމުގައި މި ނޫން ދާއިރާއަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ޕާޓީގެ އިންތިހާބުގެ ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުމަށް އެދިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން މި އަހަރު މާރިޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީކަމުގައިވާ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ އިން އަންނަނީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ނިންމުމަށް ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.