ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ޝާހިދު ކަޕޫރު އާއި ކްރިތީ ސެނަން ގެ ފިލްމު އަންނަ މަހު ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
"ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ ޝާހިދު އާއި ކްރިތީ އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު ފިލްމުގެ ޓްރެއިލާ މިއަދު ރިލީޒްކުރާނެއެވެ. ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނީ ދެތަރިންގެ ކެމިސްޓްރީ ބެލުމަށެވެ. އަންމަ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ލަވައެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އަމިތު ޝާހް އާއި އަރާދަނާ ޝާހް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަން އެވެ.
"އޭން އިމްޕޮސިބަލް ލަވްސްޓޯރީ" ގެ ހޭޝްޓެގް އާއެކު ފިލްމު ޕްރޮމޯޓްކުރަމުން އަންނައިރު މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. ހަމަ ގައިމުވެސް ފިލްމުގައި ބަތަލާގެ ރޯލު ކުޅޭ ކްރިތީ ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. ކްރިތީ މި ފިލްމުގައި ކުޅޭނީ ރޮބޮޓެއްގެ ރޯލެވެ. އަދި ޝާހިދު މި ފިލްމުން ފެނިގެންދާނީ ރޮބޮޓް ހަދާ މީހެއްގެ ރޯލުންނެވެ.
ބަތަލާ ކްރިތީ ސެނަން އެންމެ ފަހުން ފެނިގެންދިޔައީ ޓައިގާ ޝްރޮފް އާއެކު ފިލްމު "ގަންޕަތު" އިންނެވެ. ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝާހިދު ކަޕޫރު އެންމެފަހުން ފެނިގެންދިޔައީ "ބްލަޑީ ޑެޑީ" އިންނެވެ.