މާލޭ ސިޓީ ކައުންސިލުން ހިންގަމުންދާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑެތި ބައެއް މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ހަވާލުކުރުމަށް މިއަދު ފާސްކޮށްފިއެވެ.

ކައުންސިލުން މިއަދު ބޭއްވި ރަސްމީ ބައްދަލުވުމުގެ ފުރަތަމަ މަސައްކަތަކަށް އޮތީ އެ ކައުންސިލުން ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ އަޕްޑޭޓް ހިއްސާކުރުމާއި ބައެއް ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.

އެ މަޝްރޫއުތަކާ ހަވާލުވެ ކައުންސިލްގެ ފަރާތުން އޭރު މަސައްކަތްކުރެއްވި މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ޝާހިދު ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވިދާޅުވީ، ލޭންޑް ޔޫޒް ޕްލޭން ފާސްވުމުގެ ސަބަބުން އެ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ފެށުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ މަޝްރޫއުތަކުގެ އިވެލުއޭޝަން ހަދާ ނަމަ އުސޫލުގެ ގޮތުން މަޝްރޫއުތަކުގެ އަގު 100 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ މަޝްރޫއުތައް ހިންގާއިރު ބަލަން ޖެހޭ ޓެކްނިކަލް ކަންކަމާއި، އެސެޓުތައް ހެދުމަށްޓަކައި ގެންގުޅެން ޖެހޭ މިންގަނޑުތައް ހުރެއެވެ.

އެހެންކަމުން އޭނާ ހުށަހެޅުއްވީ، ކައުންސިލުން އެ މަޝްރޫއުތައް ކޮންޓްރެކްޓަރިންނާ ހަވާލުކުރި އިރު އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލު ނުގެނެސް، މަޝްރޫއުތައް މެނޭޖުކުރުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ވަގުތީގޮތުން އެ މަޝްރޫއުތައް ހަވާލުކުރުމަށެވެ. ޝާހިދުގެ ހުށަހެޅުއްވުމުގައި ވާ ގޮތުން، އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރުމަށް ކައުންސިލާ އެކު އެއްބަސްވެފައިވާ ކުންފުނިތަކަށް ގިނަވެގެން ހަ މަހުގެ ތެރޭ މަސައްކަތްތައް ނުކުރެވޭ ނަމަ، އެ މަޝްރޫއުތައް އަނބުރާ ކައުންސިލަށް ބަދަލުކުރެވޭނެއެވެ.

އޭރުން މަޝްރޫއުތަކަށް ކައުންސިލުން އިތުރު ބަދަލުތައް ގެންނަން ބޭނުން ނަމަ އެ ފުރުސަތު ކައުންސިލަށް ލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝާހިދުގެ ހުށަހެޅުން ހުށަހަޅުއްވައި ނިމުމުން، މާލޭގެ ވަގުތީ މޭޔަރު އަހްމަދު ނަރީޝް ވަނީ އެ ހުށަހެޅުމާ ގުޅޭ ގޮތުން ސުވާލެއް އޮތް ނަމަ، ސުވާލުކުރުމަށް ކައުންސިލަރުންނަށް ހުޅުވާލައްވައިފައެވެ. އެ ފުރުސަތުގައި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ ޝާހިދުގެ ހުށަހެޅުން އޮތް ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހްމަދު އައިފާން ތާއީދުކުރެއްވިއެވެ.

އެހެންވެ އެ ހުށަހެޅުމަށް ނަރީޝް ވޯޓަށް އެއްސެވުމުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދިހަ ކައުންސިލަރުންގެ ތެރެއިން ނުވަ ކައުންސިލަރަކު ވަނީ މި ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވައިފައެވެ.

ނަމަވެސް މި ބައްދަލުވުމުގައި އެ މަޝްރޫއުތަކުގެ ތަފްސީލު ހާމައެއްނުކުރެއެވެ.

އެހެންވެ އެ މަޝްރޫއުތަކަކީ ކޮބައިތޯ 'ދަ ޕްރެސް' އިން ސުވާލުކުރުމުން ސިޓީ ކައުންސިލްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ، އެ މަޝްރޫއުތަކުގެ ތެރޭގައި މަސް މާރުކޭޓާއި ސަރަހައްދީ މާރުކޭޓު އެއް އިމާރާތަކަށް ބަދަލުކުރުމާއި ޕާކިން އިމާރާތްތައް އެޅުން ހިމެނޭ ކަމަށެވެ.