ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދާ ހިންގާނެ އަމިއްލަ ފަރާތްތައް ހޯދަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިއުލާންކޮށްފިއެވެ.
އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައިވަނީ މި މަހުގެ ތެރޭގައެވެ.
އެންޑީއޭއިން ކުރި އިއުލާނުގައި ބުނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ބުނާ "ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު" ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން 'މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.
އެ ގާނޫނުގެ "ފަރުވާދޭ މަރުކަޒުތައް އުފެއްދުން" މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހުތިޔާރު އެންޑީއޭއަށް ލިބިފައިވާ ކަމަށް ވެސް އެ އޭޖެންސީއިން ވަނީ ބުނެފައެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން:
- އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
- ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
- ކައުންސެލިންގ ހިދުމަތް ދިނުން
- ސައިކޯ-ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
- ޑްރަގް ޓެސްޓްކުރުން
- ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމު އިއްޔެއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ފޯމު ފުރުމަށްފަހު ފަހު އީމެއިލް ނުކުރުރާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ނުދާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން މައުލޫމާތު ދޭ ޝެޝަން އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ތާވަލްކޮށްފައިވާއިރު ޕްރޮޕޯސަލް ހުށަހެޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ. އެންޑީއޭއިން ބުނީ މައުލޫމާތު ދޭ ޝެޝަނާއި ޕްރޮޕޯސަލް ހުށަހެޅުން ކުރިއަށް ގެންދާނީ އެ އެޖެންސީގެ ހެޑް އޮފީސް ހިންގަމުންދާ ސީޓްރެކްސް ބިލްޑިންގެތިންވަނަ ފަންގިފިލާގައި ކަމަށެވެ.