މޭލެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވި، 110 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީ، ދިވެހި ސިފައިން، ދިވެހި ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން ބުނީ ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުނު ތަންތަނުގެ އަދަދަކީ 227 ކަމަށެވެ. އަދި އޭގެތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށެވެ.

ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލް އަދި ފުލުހުންގެ އިތުރުން ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއިއެކު 152 (ގޭގޭގެ އިތުރުން ސްކޫލް، ފިހާރަ އަދި ގުދަންތައް) ތަނެއްގައި 1018 ވެލިބަސްތާ ޖެހާފައިވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އަދި ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބިސީއެއްގެ ރެޕިޑް އެސެސްމަންޓް ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދުނުކަން އެ އޮތޯރިޓީއިން ފާހަގަ ކުރެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ 18 ގޭބިސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައި ދެވުނު ކަމަށެވެ. އަދި އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދިނީ ކައްކައި ކައިބޮއި ހެދުމަށާއި، ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމުގެ އިތުރުން ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެ ގޭބިސީތައް އެއްކޮށް އާންމު ހާލަތަށްގެނެވި އެފަރާތްތައް ދިރިއުޅެމުން ދިޔަ ގޭގެއަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.

ހާދިސާއާއި ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް ނިންމުނީ 78 ތަނެއްގެކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ އެ ތަންތަނުގެ އެސެސްމަންޓް ހެދުމަށް ދިވެހި ރެޑްކްރެސެންޓް، ވެމްކޯ، ރީޖަނަލް އެއާޕޯޓްސް، އެމްޓީސީސީގެ އިތުރުން ޓްރޭޑް ނެޓްގެ މުވައްޒަފުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 53 ގޭބިސީއެއްގެ އެސެސްމަންޓްވަނީ ނިމިފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އެ ގޭބިސީތަކުގެ ތެރެއިން 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެތޯރިޓީއިން ބުނެއެވެ.

މީގެ އިތުރުން 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުންނުވާކަމަށް ބުނެފައި ވާއިރު، 6 ތަނަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވުމުގެ ސަބަބުން އެސެސްމެންޓް ހެދިފައިނުވާކަން އެ އެންޑީއެމްއޭއިން ފާހަގަ ކުރެއެވެ.

ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1,111,842.50 ރުފިޔާގެ ގެއްލުން ލިބުނު ކަމަށާއި އެސެސްމެންޓް ހެދުނު ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711,541.70 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަން އެންޑީއެމްއޭއިން ފާހަގަ ކުރެއެވެ.

އެއީ:

  • ޒަރުރީ ހިފާ ގެންގުޅޭ ތަކެއްޗަށް ޖުމްލަ ގެއްލުމުގެ 20 ޕަސެންޓަށް ވާ 100,075.20 ރުފިޔާ
  • ސްޓްރަކްޗަރަލް ގެއްލުންތަކަށް ޖުމްލަ 611,466.50 ރުފިޔާ

އެންޑީއެމްއޭއިން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި އެހީ ދެވުނު ގެތަކުގެ ތެރެއިން 20 ގެ އަކަށް މި ވިއްސާރާގައި ގެއްލުން ވެގެން އަލުން އެސެސްމެންޓް ހަދާފައިވާ ކަމަށެވެ. އަދި ކައިރިކައިރީގައި ފެންބޮޑުވުމުގެ ދެ ހާދިސާ ހިނގާފައިވާތީ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

ސްޓްރަކްޗަރަލް ގެއްލުންތައް އެންމެ ބޮޑަށް ލިބިފައިވާ ގެތަކުގެ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ މުއައްސަސާތަކަށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.