ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން ދެއްވާ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ،‎ މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށާއި ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. މިއީ ރައީސް މުއިއްުޒު ވެރިކަމާ ހަވާލުވެވަޑައިގަތްުމަށް ފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ރިޔާސީ ބަޔާނުގައި އެ އަހަރުގެ ތެރޭގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް ހިއްސާ ކުރައްވާނެއެވެ.

މީގެ ކުރިން ރިޔާސީ ބަޔާން އިއްވުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި އަދި ދަރުބާރުގޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވުން ހަމަޖައްސާފައި ވަނީ ރައްޔިތުން މަޖިލީހުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.