ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީން ކުރުމަށް ޕްރޮގްރާމެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ނާޒިމް ވިދާޅުވީ ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރު ތަމްރީންކޮށްދީ އެފަދަ ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި ބާރުވެރިކުރުމަށް ގައުމީ ހަރަކާތެއް ހިންގުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ކަރުދާސް ހުށަހަޅާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކަމަށެވެ.

އަދި އެ ކަރުދާހާމެދު މަޝްވަރާކޮށް، ޒުވާނުންނާއި އަންހެނުންގެ ދައުރު ޓެކްނޮލޮޖީގެ ދާއިރާގައި މިހާރަށްވުރެ އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ގައުމީ ފެންވެރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ކެމްޕެއިންއެއް ފެށުމުގެ ގޮތުން ހެކަތޯން ހަރަކާތެއް ހިންގަން ފެށުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރު ތަމްރީންކޮށްދީ އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސްޓޭންޑާޑްތަކަށް ފެތޭ ގޮތަށް ކޯޑިން އަދި ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރުމަށް ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.