ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށްޓަކައި ފެށޭ ދިރާސީ އާ އަހަރު ވަކި ހާއްސަ މާއްދާއެއް ހިމަނަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކައިގައެވެ.
ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އަމަލު ކުރާނެ ގޮތްތަކެއް ވަޒީރުންގެ މަޖިލީހުގައި ނިންމުނުކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ނިންމާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ނިންމުން ނިންމީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި ހައްގުތަކަށް އިސްކަންދީ ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމުގެ އިތުރުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދިރާސީ އާ އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރައީސް އޮފީހުގެ މަޝްވަރާގެ މަތިން ކަމަށެވެ.
ގައުމިއްޔަތު އިޔާދަ ކުރުމުގެ މަޝްރޫއުގެ ދަށުން ގައުމީ ތަރިކައިގެ ކޮލެޖެއް އެޅުއްވުމުގެ އިތުރުން، ގައުމިއްޔަތުގެ ނަމުގައި ސްކޫލް ކުދިންގެ މަންހަޖަށް އާ މާއްދާއެއް އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.