އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބަދަލުކުރި، އާރްޓީއެލް ބަސް ދަތުރު ރޫޓުތަކުގެ ޝެޑިއުލް ދަތުރުތައް ކުރިއެކޭ އެއްގޮތަށް ފަށައިފިއެވެ.

މިއަދު އެމްޓީސީސީ އިން ބުނީ އާރްޓީއެލް ބަސް ހިދުމަތުގައި ހިމެނޭ އާރް 1، އާރް 3، އަދި އާރް 7 ރޫޓްތަކުގެ ޝެޑިއުލް ދަތުރުތައް ކުރިއެކޭ އެއްގޮތަށް ފަށާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން، މި ރޫޓްތަކުގެ ވެސްޓްޕާކް ސްޓޮޕުންވެސް ހިދުމަތްވެސް ފެށިގެންދާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މާލެ އޯކިޑު އާރް 10 ރޫޓާއި، އާރް 11ގެ ރޫޓު ދަތުރުވެސް މިއަދު ފެށިގެން އަމީނީ މަގުން ކުރިއަށް ދާނެކަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފުޑް ކޯޓު ސަރަހައްދުގެ މަގު ބަންދުކުރުމާއި ގުޅިގެން ބަސް ރޫޓަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އިއްޔެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާ ރަސްމީކޮށް މުޅި މަގު ހުޅުވާފައިވާއިރު މި މަގުގައި ޕަންޕު ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޖުލައި 3، 2022 ގައެވެ. މި މަޝްރޫއަކީ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.