އެތައް ވެރިންގެ ވެރިކަން ރާއްޖެ ދެކެފިއެވެ. ނުވެ އޮތީ ވައުދުވެވަޑައިގަންނަވާ ކަންކަން ފުއްދުން ކަމަށް ވާއިރު އެއިން ކޮންމެ ކަމަކަށް އެއްބާރުލުމާއި އެކުގައި މަސައްކަތް ކުރާނެ ޓީމެއް ބޭނުންވާނެ ކަމަށް ކޮންމެ ރައްޔިތަކުވެސް ގަބޫލު ކުރާނެއެވެ. ވެރި މީހާއަށް ބާރުތައް ދީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ކައުންސިލްތައް އިދިކޮޅަށް ދިނުމުން އޭގެ ގެއްލުން ވާނެ ކަން ކޮންމެ ސަރުކާރަކުންވެސް އަޑަށް ބާރުލާފައި ދަނީ ގޮވަމުންނެވެ. އެ ކަހަލަ މަންޒަރުތައް ދިވެހިންނަށް ފެނި، އޭގެ ހިތި އެތައް ތަޖުރިބާއެއް ކަރުބުޑުގައި މީގެ ކުރިން ވަނީ ލާފައެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވިތާ ދެ މަސް ދުވަސް ނުވަނީސް ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރާއި އެ ކައުންސިލްގެ އިތުރު ތިން ދާއިރާއެއްގެ ކައުންސިލް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނުން ފެނިގެން ދިޔައީ މި ފަދަ މަންޒަރެކެވެ. 56،002 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވި އިންތިހާބުގައި 31 ޕަސެންޓް މީހުން ވޯޓުލި އިރު، ހަތަރު ކެންޑިޑޭޓުންނާ ވާދަކުރައްވާ ކުރިހޯއްދެވީ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.
ވެރިކަން ކުރާ ސިޓީ، މާލެ ސިޓީގެ ވެރިއަކަށް އިދިކޮޅުގެ ބާރުތައް ލިބުމާއެކު ދެން ކަންހިނގާ ދާނެ ގޮތް ތަޖުރިބާގެ އަލީގައި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އިދިކޮޅަށް މޮޅެއް ލިބިއްޖެނަމަ ސަރުކާރަށް ޖެއްސުން ކުރުމާއި ސަރުކާރުން އިދިކޮޅަށް ފިއްތުންތައް ކުރިމަތި ކުރި އެތައް މަންޒަރެއް މިދިޔަ ސަރުކާރުގައި ވެސް ދިޔައީ ފެންނަމުންނެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި ކަންކަން ދިޔައީ ކިހިނެއް؟
މިހާރުގެ ވެރިއަކަށް ހުންނެވި، މީގެ ކުރިން މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ އެތައް ތަޖުރިބާތަކެއް ކުރެއްވި އިރު ތަކުރާރުކޮށް މި ބައި އިލެކްޝަންގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވަނީ އެ ވާހަކަފުޅު ދައްކަވާފައެވެ. މިދިޔަ ސަރުކާރުގައި މާލޭގެ މޭޔަރުގެ މަގާމުގައި ޑރ. މުއިއްޒު ހުންނެވިއިރު މިހާރު މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ހުންނެވީ މާލެއާއި ރާއްޖެތެރޭގައި ވެސް އެތައް މަސައްކަތްތަކާއި ހިދުމަތްތަކެއް ދެމުން އަންނަ އެމްޓީސީސީގެ ވެރިއަކަށެވެ. މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ލާމަރުކަޒީ އުސޫލުގެ ދަށުން ސިޓީ ކައުންސިލުން އެކަން ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއަށެވެ. އެއާއެކު ސިޓީ ކައުންސިލާއި، ސަރުކާރާއި އެމްޓީސީއާ ދެމެދުގައި ހިޔާލު ތަފާތުވުންތައް އޭރުވެސް ވަނީ ހިނގާފައެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ސަރުކާރުތަކުން ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އަކީ ބޮޑުވެފައިވާ ޝަކުވާއަކަށް ވީއިރު އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއުއަކީވެސް އެފަދަ ކޯޅުން ބޮޑުވި މަޝްރޫއެކެވެ. ކޮވިޑަށް ފަހު އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓުނު އަނދަވަޅުން އަރައި ނުގަނެވި އުޅެނިކޮށް ސިޓީ ކައުންސިލުން އަމީނީ މަގު ހަދަން އެއްބަސްވި ވަރަށް ވުރެ 45 މިލިއަން ރުފިޔަ ބޮޑުކޮށް ސަރުކާރު ހިއްސާވާ ރޯޑް ކޯޕަރޭޝަނަށް ހަވާލުކުރިއެވެ. އެ މަޝްރޫއަށް 39 މިލިއަން ރުފިޔާއަށް ކުރުމަށް ސިޓީ ކައުންސިލާ ވާހަކަތަކެއް ދެއްކުމަށް ފަހު އާރްޑީސީއަށް އެ މަޝްރޫއު ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެއީ އަދިވެސް އަޑިނޭނގޭ މަޝްރޫއެކެވެ.
މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން އެތައް ކަމެއް ނުކުރެވުނު ވާހަކައަކީ މިއަދުވެސް ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެވެ. އޭގެ ތެރޭގައި ޕާކިންގެ މައްސަލައަށް ހައްލު ގެނައުމަށް ޕާކިން ބިލްޑިންއެއް އެޅުމަށް ބިން ނުލިބުމާއި ވިލިމާލެ ފަޅު ތެރޭގައި އޮންނަ ތެޔޮ ބޯޓުތައް ނެގުމަކީވެސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެވެ. އެހެންކަމުން އެކަންކަން ކުރުމަށް ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އަދި އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ވަނީ ފައްޓަވާފައެވެ.
ހުޅުމާލެ ހިންގާ މިހާރުގެ އާބަންކޯ، ކުރިން އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލާވެސް ދެމެދުވެސް ބޮޑު ކޯޅުންގަނޑެއް ހިނގިއެވެ. ގާނޫނު ބުނާގޮތުން މާލެ ސަރަހައްދުގެ އިހުތިސޯސް ކަނޑައަޅާ ހިމަނާފައި ވާ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ ބާރުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ނަމަވެސް އެއީ ވަކި ކުންފުންޏަކުން [އެޗްޑީސީސީ] ގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. އެ އަރާރުމުގެ ތެރޭގައި ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމުން ކޯޓަށް ވެސް ދިޔައެވެ.
އޭރު ސިޓީ ކައުންސިލްގެ މައިގަނޑު ވިސްނުމަކަށް ވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އެޗްޑީސީ [އާބަންކޯ] އަތުން ނަގާ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމެވެ. ސަރުކާރުން އެކަމަށް އެއްބަސް ނުވެ ވެރިކަން ވެއްޓިގެން ދިޔަ އިރު މުނިސިލަޕް ހިދުމަތްތައް ކައުސިލަށް ބަދަލުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއެކު އެކަން ސިޓީ ކައުންސިލަށް ބަދަލުކުރައްވާފައި ވާ މި ދަނޑިވަޅުގައި ސިޓީ ކައުންސިލްގެ ބާރު އިދިކޮޅަށް ލިބިގެންދިއުމަކީ ސަރުކާރުން ހުޅުމާލޭގައި ހިނގަން ނިންމާފައިވާ އެތައް މަޝްރޫއަކަށް ހުރަސް އެޅިގެންދާނެ ކަމަކަށް ވުމަކީވެސް ދުރުގައިވާ ކަމެއް ކަމަކަށް ނުބެލެވެއެވެ.
ފުށިދިއްގަރުފަޅުގެ މަޝްރޫއުއަށް އިދިކޮޅުން އަތްގަދަކޮށްފާނެތަ؟
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް ތަސައްވަރުތަކެއް ގެންގުޅޭއިރު މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފެށީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތެވެ. ވެރިކަމަށް މަސް ދުވަސްވި ތަނާ އެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވާއިރު ފުށިދިއްގަރު ފަޅުން 1،1501 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.
ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދަކާ ނުލާ، ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރު ފަޅުން ހިއްކާ ބައިން 60 ހެކްޓަރު ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏަށް 99 އަހަރަށް ދީގެން ކުރިއަށް ގެންދާ އެ މަޝްރޫއު 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. އެއަށްފަހު ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއްގެ ގޮތުގައި ޗައިނާއަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ވެވަޑައިގެންނެވި އެއްބަސްވުންތަކުގެ ތެރެއިން ޗައިނާގެ ހިލޭ އެހީގެ ދަށުން އެތަން [ފުށިދިއްގަރުފަޅު] ގައި 30،000 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމާފައެވެ.
މިހާ ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށްދާއިރު ކެމްޕެއިން ތެރޭގައި އާޒިމް ވަނީ މި މަޝްރޫއަކީ މުހިއްމު މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ ރައްޔިތުންގެ ފައިސާ އިޝްރާފު ކުރަން ކުރަމުންދާ މަސައްކަތެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އާޒިމް ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ އަތުގައި ހުރި ފައިސާއިން އެމީހުންނަށް [ރައްޔިތުންނަށް] އުޅެވޭނެ ގޮތެއް ހަދައިދިނުން ކަމަށާއި މިވަގުތު މާލޭގައި މީހުން އުޅޭ ދަތި ހާލުން ސަލާމަތް ކޮށްދޭން އެންމެ އަވަހަށް ކޮށްދެވޭނެ ކަމަކީ ގުޅިފަޅާއި، ގިރާވަރާއި، އުތުރުތިލަފަޅު ތަރައްގީކޮށް ދިނުން ކަމަށެވެ.
އާޒިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ މެންބަރުންވެސް ގެންދަވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއަށް ފާޑުވިދާޅުވެ އެކަން ހުއްޓުވާނެ ކަމަށް އިޝާރާތްތައް ކުރައްވަމުންނެވެ. މިހެން މިކަން އޮތްއިރު ފުށިފިއްގަރުފަޅުގެ މަޝްރޫއު ހުއްޓުވަން މާލެ ސިޓީ ކައުންސިލަށް އެއްވެސް ބާރެއް ލިބިފައި ނުވި ނަމަވެސް އެތައް ވެލި ނަމުންދާ، ހިއްކުމަށް ސިޓީ ކައުންސިލްގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކުން ސަރަހައްދުތަކުން ވެލި ނެގިޔަ ނުދިނުމަށާއި އެ ނޫންވެސް އެ ފަދަ އެތައް ކަމެއް 'ޖެއްސުން ކުރުމުގެ ގޮތުގައި' ކުރެވިދާނެއެވެ.
މި ހުރިހާ ކެމެއް މިހެން ހުރިއިރު އާޒިމް ވަނީ އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިންނާއި އޭގެ ފަހުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައެވެ. އަދި ރައީސް މުއިއްޒު ވެސް އެކަމަށް އެދިވަޑައިގެންފައި ވާއިރު އާޒިމް އެކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވައެވެ.
އެމްޓީސީސީގެ ސީއީއޯއެއްގެ މަގާމުގައި އާޒިމް ހުންނަވާ އާރުޓީއެލްގެ ހިދުމަތް ފަދަ ފަސޭހަތަކާއެކު ގެނައި ބަދަލާއެކު ދިވެހިންނަށް ފެނުނު މަންޒަރަކީ ތަރައްގީގެ މަގުގައި އާޒިމްވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވާއިރު އެ އިތުބާރާއެކު މާލޭގެ ވެރިއަކަށް އާޒިމް އިންތިހާބުކުރި އަސްލު ބޭނުނަކީވެސް ސަރުކާރަށް އެއްބާރުލުން ދިނުން ކަމުގައި ގަބޫލު ކުރެވެއެވެ.
އެހެން ކަމަށް ވާއިރު ކުރިން ކަން ހިނގި މަގުން ހިނގައި އެއްބާރުލުން ނުދީފިނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ މިއިން ޒަމާނެއްގައިވެސް ދެ ބަޔަކު އެއްގަލަށް އަރާ މަސައްކަތްކުރި މަންޒަރެއް ފެނިފައި ނުވާއިރު ދެން ކަންހިނގާ ދާނެ ގޮތަކީ ކޯބާ ހެއްޔެވެ؟