ޗައިނާ އާއި ރާއްޖެއާއެކު ވެފައިވާ އެއްބަސްވުންތަކާ އެކު ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންމެ އެކުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިކަން އިއުލާން ކުރައްވާ އެސްކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ޕާޓްނަޝިޕްތައް ފާހަގަ ކުރައްވައި، ޗައިނާގެ ހޫނު މެހެމާންދާރީގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމަށްޓަކައި މިނިސްޓަރު ވަނީ އެ ގައުމަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިހާރު ވަނީ ރާއްޖެއަށް ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާފައެވެ. ބެލެވޭ ގޮތުގައި ރައީށްގެ ދެކަނބަލުން މާލެއަށް ވަޑައިގަންނަވާނީ ހަވީރު 4:00 ޖަހާއިރު އެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނާ ރައީސް މުއިއްޒު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. މިއީ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މިޮ ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަގާފީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.
އެގޮތުން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން އެމަނިކުފާނު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ގައުމުގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.