ޗައިނާގެ ކުރިއެރުމަކީ ހަމައެކަނި އެ ގައުމުގެ އަމިއްލަ ވާހަކައެއް ނޫން ކަމަށާއި މިއީ ރާއްޖެ ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހުރިހާ ގައުމަކަށް ވެސް ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ އުފެދުނުތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަމުން ރައީސް ވިދާޅުވީ، މިއަދަކީ ޗައިނާގެ ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އިގްތިސޯދީ ހުނަރުން ފެށިގެން ޓެކްނޮލޮޖީގެ އުފެއްދުންތަކާއި، ސަގާފީ މުއްސަނދިކަމާއި، ސައިންޓިފިކް އުފެއްދުންތެރިކަމާއެކު ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ޗައިނާއަށް އައިސްފައިވާ ބަދަލުތައް ރައީސް ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ސަގާފީ ތަރިކައިގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ހިތްވަރު ލިބެމުންދާ އިރު، ޗައިނާގެ ސަގާފީ ތަރިކައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދުގައި ޗައިނާގެ ދަރަޖަ އުފުލިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ހަމައެއާއެކު އެއްބައިވަންތަކަމުގެ ބާރާއި، ސްޓްރެޓެޖިކް ވިސްނުމުގެ ވަރުގަދަ ކަމާއި، ކޮންމެ ގޮންޖެހުމަކުން އަރައިގަތުމުގެ ހަރުދަނާކަން ޗައިނާއިން ވަނީ ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް ދައްކައިދީފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ކުރިއެރުމަކީ ހަމައެކަނި އެ ގައުމުގެ އަމިއްލަ ވާހަކައެއް ނޫން ކަމަށާއި މިއީ ރާއްޖެ ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހުރިހާ ގައުމަކަށް ވެސް ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. ޗައިނާ އިން ވަނީ އެތައް ސަތޭކަ މިލިއަން ރައްޔިތުން ފަގީރުކަމުން އަރައިގަނެ، ހީވެސް ނުކުރާވަރުގެ ތަނަވަސްކަމެއް އުފައްދައި، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސޯދަށް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެއާ އެކުގައި އުފެދިފައިވާ ގާތް ގުޅުމުގެ ވާހަކައަށް އަލިއަޅުއްވާލައްވަމުން މާޒީގައި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ތެރެއިން ރާއްޖެއަށް އެތައް ގައުމަކުން އެހީވި އިރު އެންމެ ފުރަތަމަ އެހީވި ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކާރިސާއަށް ފަހު އެ ނާޒުކު ދުވަސްތަކުގައި، ޗައިނާގެ މެޑިކަލް ޓީމްތަކާއި، ޑިޒާސްޓާ ރިލީފްގެ މާހިރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޗައިނާއިން ކޮށްދެމުންދާ ހިދުމަތްތަކުގެ ތެރެއިން އެހީތެރިކަމުގެ އިތުރުން އެއްބައިވަންތަކަމުގެ އަމަލުތައް ބޮޑު ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ސުނާމީ ކާރިސާގައި އެއްބާރުލުން ދިނުމުގައި ނަމޫނާ ދެއްކި ޗައިނާއިން ވަނީ ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުން ދަމަހައްޓާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި މުއާމަލާތްކުރާ ގުޅުމެއް ނޫން ކަމަށާއި، އެ ގުޅުމަކީ ކޮންމެހެން ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އުފެދޭ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ، އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، އިސްތިގްލާލާއި، ނުފޫޒު ނުފޯރުވުމުގެ އުސޫލުތަކަށް އެއްބައިވަންތަކަމުގެ ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އަބަދުވެސް ދެމިއޮންނާނެ ބައިވެރިއެއް ކަމަށާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކަކާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި، ސިއްހީ ދާއިރާއިންނާއި އަދި ނާޒުކު ދަނޑިވަޅުތަކުގައި ވެސް ގިނަ އެހީތަކެއް ވެދެމުން އަންނަ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މި ދެމެހެއްޓެނިވި ގުޅުމުގެ އަލިގަދަ ރަމްޒެއްގެ ގޮތުގައި ރައިސް ސިފަފުޅު ކުރެއްވިއެވެ.

ކުރިއަށް އޮތް ތާނގައި، ބޯހިޔާވަހި ކަމާއި، އުމްރާނީ ތަރައްގީގެ އިތުރުން ވިޔަފާރީގެ ދާއިރާ އާއި، ފަތުރުވެރި ކަމާއި، ދަނޑުވެރި ކަމާއި، މަސްވެރި ކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ސަގާފީ ފަދަ ދާއިރާތަކުން، ދެ ގައުމުގެ މެދުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސުލްހައަށް ކުރާ އަޒުމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމަކީ ޗައިނާ އާއި ރާއްޖެ ވެސް ވަރަށް ސާބިތުކަމާ އެކު ދަމަހައްޓަމުން އަންނަ އުސޫލެއް ކަމަށް ރައީސް ވިދާޅުވިއެވެ. ގުޅިލާމެހިފައިވާ ދުނިޔޭގައި، އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމުގެ މުސްތަގްބަލަކަށް މަގު ދައްކައި ދޭނީ، މި އަސާސްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މުސްތަގްބަލަށް ބަލާއިރު، ދެ ގައުމުގެ ދެމެދުގައި ވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު ފުރުސަތުތަކާއި، ތަނަވަސްކަމާއި، އެއްބައިވަންތަކަމުން ފުރިގެންވާ މުސްތަގްބަލަކަށް މަގު ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައިސް ވިދާޅުވިއެވެ.