މާލޭ މަގުތަކުގައި ފެން ހިނދި، އާންމު ހާލަތަށް އަންނަންދެން ޒަރޫރީ ބޭނުމެއްގައި މެނުވީ 4 ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށް ފުލުހުން އަންގައިފިއެވެ.

އާންމު ހާލަތަށް ރުޖޫއަ ވަންދެން ޒަރޫރީ ބޭނުމެއްގައި މެނުވީ އުޅަނދުތައް ނުދުއްވުމަށް އަންގާފައި ވަނީ ބޯކޮށް ވާރޭ ވެހި މާލޭ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ފެން ހެދިފައި ވަނީ މާލޭގައި ކަމަށް ވާއިރު، ޕަންޕު ބޭނުންކޮށްގެން މިހާތަނަށް މިހާތަނަށް 13،875 ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެ މަސައްކަތުގައި މިވަގުތުވެސް 8 ސަރަހައްދެއްގައި 17 ޕަންޕު ބޭނުންކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގެދޮރަށާއި މުދަލަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާއިރު ބައެއް ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލުވެސް ކޮށްފައިވެއެވެ.

އެގޮތުން ބަލާއިރު ވިއްސާރައިގައި ގެއްލުންވެ، 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާ ކަމަށާއި 132 ގެއަކަށް އެހީތެރިަކަން ފޯރުކޮށް ދެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެއެވެ. އަދި 91 ގެއެއްގައި ވެލި ބަސްތާ ޖައްސާފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެއެވެ.

މީގެއިތުރުން 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސާފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.