ވިއްސާރަވެ މާލޭގެ ހުރިހާ މަގެއްގައި ފެންބޮޑުވުމުގެ ސަބަބުން ރޭ އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ "މީ އިޝްގް" ގެ ޝޯ ކެންސަލްކޮށްފިއެވެ.
ފިލްމުގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ ހުކުރުދުވަހުގެ ރޭ 20:30 ގައި އަޅުވަން ތާވަލްކޮށްފައިވާ ފިލްމު ކެންސަލްކޮށްފައިވާ ކަމަށާއި ހުކުރު ދުވަހުގެ ރެއަށް ނަގާފައިވާ ފިލްމުގެ ޓިކެޓުތަކަށް މިރޭގެ ޝޯއަށް ވަދެވޭނެ ކަމަށެވެ. މާނައަކީ ރޭގެ ޝޯގެ ޓިކެޓް ހިފައިގެން މިރޭ އޮލިމްޕަހަށް ގޮސް ފިލްމު ބެލުމުގެ ފުރުސަތު އޮތްކަމެވެ.
އިއްޔެ ހެނދުނުން ފެށިގެން މާލެއާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ބައެއް ތަންތަނަށް ވަނީ ގެއްލުންތައް ވެސް ވެފައެވެ. މުޅި މާލެތެރޭ ފެންބޮޑުވެފައިވާއިރު އުޅަނދުތައް ދުއްވަންވެސް ބޮޑެތި ތަކުލީފެއް އުފުލަން ރައްޔިތުންނަށްވަނީ ޖެހިފައެވެ.
މީ އިޝްގް އަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. މި ފިލްމަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. ފިލްމުގައި އާރިޒް (ޝަރަފް) އާއި ސަބާ (އާޝާ) ދިމާވަނީ މާފުށީ ގެސްޓު ހައުސްއަކުންނެވެ. ދެމީހުން އެއް ރޫމެއް ބުކްކޮށްގެން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެއެވެ. އެ ދަތުރުގައި އާރިޒް އާއި ސަބާގެ ގުޅުން ބަދަހިވެއެވެ. އަދި ލޯބީގެ ގޮތުން ގުޅެއެވެ. ދަތުރު ނިންމާލާ މާލެ އަންނަ ހިސާބުން ސަބާ އަށް އާރިޒް ގެއްލެއެވެ. މިއީ ފިލްމުގެ ސްޓޯރީލައިންއެވެ.