މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕަންޕު ބޭނުންކޮށްގެން މާލެއިން 9.306 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އަދި ވެސް އެމްއެންޑީއެފްއިން ދަނީ ހުއްޓާނުލައި ކުރަމުންނެވެ. އެގޮތުން މަޖީދީމަގުގައި ޕަންޕު ނުޖެއްސޭ ސަރަހައްދުތަކުގައި ހުރި ފެންގަނޑުތައް، ސަބްމާސިބަލް ޕަންޕު ބޭނުންކޮށްގެން މާލެ ސިޓީ ކައުންސިލްގެ ބައުޒަރަށް ލޯޑް ކުރުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އެބަދެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ގެދޮރަށާއި މުދަލަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާއިރު ބައެއް ގެތަކުގެ މީހުން އެހެން ގެތަކަށް ބަދަލުވެސް ކޮށްފައިވެއެވެ.

މީގެއިތުރުން ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފްއިން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ބަލާއިރު 20 ގެއަށްވުރެ ގިނަ މޭލޭގެ ގޭތަކުގައި ސިފައިން ވަނީ ވެލި ބަސްތާ ޖަހައިދީފައެވެ.

އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން ދ.ކުޑަހުވަދޫ، ލ.މާމެންދޫ އަދި ލ.ހިތަދޫގައި ފެންބޮޑުވެ، އެ ރަށް ރަށުން ފެން ހިންދުމަށާއި ފެން ވަންނަމުންދާ ގެތަކުގައި ވެލިބަސްތާ ޖެހުމަށް އެމްއެންޑީއެފްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ބަލާލެއްވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ މާލޭގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ. އަދި އެ ގެތަކަށް ލިބިފައިވާ ގެއްލުމާއި ގެތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލަތު އެބޭފުޅުން ބައްލަވާލެއްވިއެވެ.