މާލެ ސިޓީގެ މޭޔަރަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށްވުރެ އެކަމަށް އެކަށީގެންވާ އެހެން މީހަކު ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް އަދި ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އާޒިމް ނިކުންނަވަނީ ތަސައްވަރަކާއެކުގައި ކަމަށާއި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އެތައް ބުރަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ކަމުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިހުރި މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނެވި ކަމަށެވެ. އަދި ކުރަންވީ ކަމަކީ އެންމެން ނުކުމެ ވޯޓުލާ، މިފަހަރު މާލޭގެ މޭޔަރަކަށް އާޒިމް ހޮވުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދާދިފަހުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނިމިގެން ދިޔައިރު އެ ހެދި ދޮގުތަކާއި އެ ކުރި ކަންތައްތަކާއެކުގައި ނަމަވެސް ވެރިކަމަށް ބަޔަކު އަތުވެއްޖެ ކަމަށާއި ރައްޔިތުން އުންމީދުކޮށްގެން ތިބީ ކުރިއަށްވުރެ އަދި ރަނގަޅަށް ރައްޔިތުންނަށް ހިދުމަތްތަކެއް މި ސަރުކާރުން ކޮށްދޭނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް މި ވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން މާޔޫސްކޮށްލައިފި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ މިއަދު އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ކުރާ ހުރިހާ ކަމެއް ރައްޔިތުން ޖަވާބު ދާރީ ކުރުވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމާއި މާލޭގެ ޓްރެފިކާއި ޕާކިންއާއި ބުޅަލުގެ މައްސަލައަށް ހައްލެއް ކަމަށާއި ސާފު ތާހިރުތަނަކަށް މާލެ ހެދުން ކަމަށެވެ. އަދި އެކަންކަމަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް މަތިކޮށްފައި ހުރި ކަންތައްތައްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް އައި އިރު މިހާރު އޮތް މާލެ ސިޓީ ކައުންސިލުން އިހުމާލުވެފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެބޭފުޅުން ބޭނުންވަނީ ސަރުކާރެއް ހިންގަން ކަމަށާއި ބާރުތައް ޖަމާކުރަން ކަމަށެވެ. އަދި ގާނޫނުގައި ނެތް އެތައް ކަމެއް އަތްދަށަށް ގެނެސް އެކަންކަން ކުރަން ކަމަށާއި އެއީ ރާއްޖެއަށް ތައާރަފްކުރި ލާމަރުކަޒީ ނިޒާމު ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތާރަފްކުރި ބަޔަކީ އެމްޑީޕީ ކަމަށާއިއެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ ވިސްނުމާ އެކީގައި އާޒިމް މާލޭގެ މޭޔަރުކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މޭޔަރަކަށް އާދަމް އާޒިމް ނުކުމެ ހުންނެވީ ގާނޫނީގޮތުން ކައުންސިލަށް މަތިކޮށްފައި ހުރި މަސައްކަތްތައް ކުރެއްވުމަށް ކަަމަށާއި އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރައްވަން ނޫން ކަމަށް ވެސް ރައީސް ސޯލިހު ވިދާލުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި އުނދަގުލަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ކުރިމަތިވި ކޮވިޑްގެ ބޮޑު އާލަމީ ވަބާއާއި ދަތި އުނދަގުލަށް ފަހުގައި މާލެއަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
މަހާޗޯރު ހިންނަވަރު ޞޯލިޙަށް ހަލާކުހުރި. އޭނާ ވެރިކަމުން ފައިބައިގެން ދިޔައީ މުޅިދައުލަތް ދޮވެލާފަ ގައުމު އިންޑިއާއަށް އަޅުވެތި ކޮށްފަ.