އެމްޑީޕީ ނޫން އެހެން ޕޯޑިއަމަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް އަދި ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ތިލަފަތް ޖެހި ޕޯޑިއަމުގެ ކައިރީގައި ހުއްޓި ހުންނެވީ ދުވަސްކޮޅަކަށްފަހު ކަމަށާއި އެންމެ ފަހުންވެސް އެ ޕޯޑިއަމްގައި ވާހަކަފުޅު ދެއްކެވީ އިންތިހާބެއްގެ ނިމުމުގެ ޖަލްސާގައި ކަމަށެވެ. އަދި އަނެއްކާވެސް ހުއްޓި ހުންނެވީ ބައި އިލެކްޝަނެއްގެ ނިމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަވަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ނޫން ޕޯޑިއަމަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށާއި ކާމިޔާބީ ވަގުތުގައިވެސް، ނާކާމިޔާބީގެ ވަގުތުގައިވެސް އަދި ދަތި އުނދަގޫ ވަގުތުގައިވެސް އެމަނިކުފާނު ފެނިވަޑައިގަންނަވާނީ އެ ޕޯޑިއަމްއިން ކަމަށެވެ. އަދި ބައެއް ބޭފުޅުން އެފަދައިން ވިދާޅުވުމަށްފަހު ދުރަށްޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ އެހެން ޕޯޑިއަމްއަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

"މިހެ ބައެއް ބޭފުޅުން މި ޕޯޑިއަމްގައި ވިދާޅުވެފައި ދުރަށް ޖެހިލާތަން ފެންނާތީ ތަކުރާރުކޮށް އަދިވެސް ދަންނަވާލާނަން އަޅުގަނޑެއް ނުފެންނާނެ އެހެން ޕޯޑިއަމަކުން"
ރައީސް ސޯލިހު

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ދާދިފަހުން ގުޅިވަޑައިގެންފައިވަނިކޮށެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ޖުމްލަ 14 މެންބަރަކު ޕީއެންސީއާ ވަނީ ގުޅިވަޑައިގެންފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ އެމްޑީޕީ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވާފައިވާއިރު މި މަހުގެ ތެރޭގައި އެއް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. އެއާއެކު 19 ވަނަ މަޖިލީހުގައި ދެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ 18 މެންބަރަކު ތިއްބަވާނެއެވެ. އެއީ ޕީޕީއެމްގައި ދެ މެންބަރުން، އަދި ޕީއެންސީގައި 16 މެންބަރުންނެވެ.