ރާއްޖެ އާއި ޗައިނާ ގުޅިގެން ޑިޖިޓަލް އިގްތިސޯދާއި ފެހި އިގްތިސޯދާއި ނޫ އިގްތިސޯދު ތަރައްގީކޮށް އެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން މަޝްވަރާކުރައްވައިފިއެވެ.

ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް ވަނީ ޝީ އާ އިއްޔެ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރައްވައިފައެވެ.

ޝީ ވިދާޅުވީ، ރައީސަކީ ޗައިނާ އަށް މި އަހަރު ވަޑައިގެންނެވި ބޭރު ގައުމެއްގެ ފުރަތަމަ ލީޑަރު ކަމަށާއި، ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ޝީ ވިދާޅުވީ، ރާއްޖޭގެ ގައުމީ ހާލަތަށް ބަލައި، ރާއްޖެ އާ އެކަށޭނަ ތަރައްގީގެ މަގެއް ހޯދުމަށްޓަކައި ޗައިނާ އިން އަބަދު ވެސް އެހީތެރިކަން ދެމުން ގެންދާނެ ކަމަށާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކުރުމުގައި ޗައިނާ އިން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޝީ ވަނީ، ރާއްޖޭން ޗައިނާ އަށް ތައުލީމު ހާސިލްކުރުމަށްދާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމާއި، ދެ ގައުމުގެ ދެމެދުގައިވާ ވައިގެ ދަތުރުފަތުރުގެ މަގު އިތުރަށް ފުޅާކުރުމަށްޓަކައި ސީދާ ދަތުރުތައް އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ތިމާވެށްޓާއި ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ދެ ގައުމުން ގުޅިގެން ހިމާޔަތްކުރުމާ މެދު މަޝްވަރާކުރެވުނެވެ. އަދި ނޫ އިގްތިސޯދާއި ފެހި އިގްތިސޯދާއި ޑިޖިޓަލް އިގްތިސޯދުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކޮށް އެ ދާއިރާތައް ތަރައްގީކުރުމާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭން 'ވަން-ޗައިނާ' ސިޔާސަތަށް ޢަމަލުކުރާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާވެ، ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.