ޗައިނާގެ ރައީސް ޝީ ޖިންޕިން، ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހޫނު މަރުހަބާއެއް ދަންނަވައި އެ ދެ ރައީސުންގެ ކުރިފުޅުމަތީގައި ދެގައުމުގެ އިސްވެރިން އެއްބަސްވުންތަކުގައި ސޮއިކުރަައްވަން ފައްޓަވައިފިއެވެ.

ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ވަނީ ރަތް ދޫލައިގައިގެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ރައީސް މުއިއްޒުގެ ޝަރަފުގައި އޮނަގާޑެއް ވަނީ އިންސްޕެކްޓްކޮށްފައެވެ.

ރައީސް ޗައިނާއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގުތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ

މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.