މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 'އައްޑޫ ސިޓީ ބްރިޖުގެ' މަސައްކަތަށް ގިނަ އިންވެސްޓަރުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ޗައިނާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް އިއްޔެ ޗައިނާގެ ފޫ ޖޮއުގައި ކުރިއަށްގެންދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" އަށްފަހު މުއްތަލިބް ވިދާޅުވީ މި ފޯރަމުގެ ތެރެއިން، ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވާ ބްރިޖަ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވުނުކަމަށާ އަދި މި މަޝްރޫއަށް އިންވެސްޓަރުން ޝައުގުވެރިކަންފާޅުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މުއްތަލިބް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ދިރާސާކުރަމުން އަންނަކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ ބްރިޖުގެ ޑިޒައިނާއެކު ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14ގެ ތެރެއިން ދިރާސާތައް ކުރިއަށް ގެންގޮސް މި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

އައްޑޫ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފީޒިބިލިޓީ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަން ފާހަގަކުރައްވަމުން މުއްތަލިބް ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަކަމަށެވެ. އައްޑޫ ސިޓީ ހުޅުމީދޫ އާއި އެ ސިޓީގެ ގުޅިފައިވާ އެހެން ރަށްތައް ބްރިޖަކުން ގުޅުވާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމުގައިވާއިރު، މި ބްރިޖާއެކު އައްޑޫ ސިޓީއަކީ ދެކުނު އިގްތިސާދީ ބޮޑު ހަބަކަށްވެގެން ދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.