މިދިޔަ ޑިސެމްބަރު މަހުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާއިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ވަނަ އަހަރު ޖުމްލަ 1،878،539 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި އަދަދަކީ 2022 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އަދަދާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

އަދި ކޮންމެ މަހަކަށް ބަލާނަމަ 2022 ވަނަ އަހަރާ އަޅާ ބަލާއިރު މަހެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު ވަނީ 5.78 ޕަސެންޓް އިތުރުވެފައެވެ. ހަމައެހެންމެ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ޖުމްލަ 6280 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރެއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ 10 ގައުމުގެ ތެރޭގައި އިންޑިއާ، ޗައިނާ، އިޓަލީ، އެމެރިކާ، ރަޝިއާ، ފްރާންސް، ޔޫކޭ، ސްޕެއިން، ޖާމަނީ އަދި ސައުތް ކޮރެއާ ހިމެނެއެވެ. 25،825 ފަތުރުވެރިންނާއެކު ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ އިންޑިއާއެވެ. ދެވަނަ އަށް 19،340 ފަތުރުވެރިންނާއެކު އިޓަލީ އޮތް އިރު 17529 ފަތުރުވެރިންނާއެކު ލިސްޓުގެ ތިން ވަނައިގައި އޮތީ ރަޝިޔާއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 184،051 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މި އަދަދު 2023 ވަނަ އަހަރު ވަނީ 194،691 އަށް އިތުރުވެފައެވެ. އަދި އެންމެ ގިނައިން މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް ފަތުރުވެރިން އައިސްފައި ވަނީ ޑިސެމްބަރު 21 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކުރި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ.

މި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފާއި އަބްދުﷲ މަހްޒޫމް މާޖިދަށް ދެ ގައުމުގެ އާންމުން، ހާއްސަކޮށް އިންޑިއާ މީހުންގެ ނުރުހުން އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ބަޔާނެއް ނެރެ، މި ތިން ވަޒީރުން ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.