އަމީނީ މަގުގެ ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާ އެ މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި މުއްތަލިބު ކުރެއްވި ޕޯސްޓެއްގައިވަނީ އާރްޑީސީ އިން، އަމީނީ މަގުގެ ފަހު 2 ސެގްމެންޓުގެ މަސައްކަތް 1 މަސްތެރޭ ނިންމުމަށް އެ މިނިސްޓްރީއާ ގުޅިގެން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފައެވެ. އަދި އުއްމީދަކީ މަޝްރޫއުގައި ހިމެނިފައިވާ ޕަމްޕުތައް ވީހާވެސް އަވަހަކަށް ގެނެވި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް މާލެހެއްނުވެ ނިންމާލުންކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ އަމީނީމަގުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ ހަވާލުކުރީ މިދިޔަ 2022 އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ އެންމެ މުހިއްމު އެއް މަގުކަމަށްވާ އަމީނީ މަގުގައި ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން އެ މަގުގައި ފެންބޮޑުވެ ދިމާވާ ދަތިތައް ހައްލުކުރުމަށް ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.