'ދައުރު' ނޫހުން ސިވިލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، ގާނޫނީ އިމުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، އެ ކޯޓުން މިއަދު ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު އޮންލައިން ނޫސް 'ދައުރު'ން ވަނީ، މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑެންސުން 2016 ވަނަ އަހަރު ބައްލަވައިގެންނެވި ފްލެޓު ގަތުމަށް އެ ތަން ހެދި 'ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް' ކުންފުނިން އޭނާ އަށް ދިން 1.96 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ ކަމަށް ބުނެ ހަބަރެއް ޝާއިއުކޮށްފައެވެ.
އެ ހަބަރުގައި ޖަހާފައިވާ ގޮތުން، އާޒިމާ އެ ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން 2019 އާއި 2020 ގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ނޯޓިސް ފޮނުވާފައިވެއެވެ. ނަމަވެސް އެ ނޯޓިސްތައް ފޮނުވުމުން ވެސް އާޒިމާ ފައިސާ ނުދައްކަވާ ކަމަށް ދައުވާގައި ވާ ކަމަށް ވެސް އެ ހަބަރުގައި ވެއެވެ.
އެކަމަކު އެފަދަ ދައުވާ އެއް އޭނާގެ މައްޗަށް އުފުލާފައި ނުވާ ކަމަށް ވިދާޅުވެ، އެ ދުވަހުގެރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމާ ވިދާޅުވީ، 'ދައުރު' ނޫހުން ޝާއިއުކުރި ހަބަރުގައިވާ ވާހަކަތަކަކީ އޭނާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ޖަހާފައިވާ ވާހަކަތަކެއް ކަމަށެވެ. ހަމަ އެހެންމެ އޭނާ ބައްލަވައިގެންފައިވާ ފްލެޓަކީ މޯގޭޖުކޮށްފައިވާ ފްލެޓެއް ކަމުން ފައިސާ ނުދައްކައިފިނަމަ ވެރިފަރާތަށް އަތުލެވޭނެ ކަމަށާއި، ދައުވާ ކުރި ފަރާތުން އޭނާ ފްލެޓަށް ފައިސާ ދައްކާފައިވާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި އާޒިމާ ވަނީ، 'ދައުރު' ނޫހަށް ގާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކޯޓަށް ހުށަހެޅުމަށް ނިންމަވައިފައެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި 'ދައުރު' ނޫހުގެ ބެލެނިވެރި ކުންފުނި 'ނެކްސްޓް މީޑިއާ ގްރޫޕު'ން ބުނީ:
- 'ދައުރަ'ށް ލިބިފައި ވަނީ 'ޕްލެޓިނަމް ރިއަލް އެސްޓޭޓް' ކުންފުނީގެ ލޯ ފާމް 'ޗެމްބާޒް އިން' ގެ ފަރާތުން ހިއްސާކޮށްފައިވާ ލިޔެކިއުންތައް ކަމަށް
- ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދުގެ އެ ލޯ ފާމުން މައްސަލަ ކޯޓަށް ހުށަހެޅިފައިވާ ކަމުގެ ކަށަވަރުކަން ވެސް ހަބަރު ލިޔުނު އިރު ލިބިފައިވާ ކަމަށް
- މައްސަލަ ހުށަހެޅިކަމުގެ ފޯމާއި ކޯޓު އަޑުއެހުމަކަށް ކިޔާފައިވާ ޗިޓެއް ވެސް ލިބިފައިވާ ކަމަށް
ވުމާއެކު އެ ނޫހުން ހަބަރު ލިޔުނީ އިތުބާރު ހިފޭ މަސްދަރުތަކުން ދިން މައުލޫމާތާއި އެ ވަގުތަށް ލިބެންހުރި ހެކިތަކުގެ މައްޗަށް ކަމަށް، ބަޔާނުގައިވެއެވެ.
ނަމަވެސް 'ދައުރު' ނޫހުގެ ބަޔާނާ ހަވާލާދީ އެފަދަ މައްސަލައެއް ތާވަލުނުކުރާ ކަމަށާއި، އެ ނޫހުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް ސައްހަނޫން ކަމަށް ބުނެ ނެރުނު ބަޔާނެއްގައި ސިވިލް ކޯޓުން ބުނީ، މިއީ ރައްޔިތުންގެ ކުރިމަތީގައި އެ ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ކޯޓުގެ އަގުވެއްޓޭ ގޮތަށް ކުރި ކަމެއް ކަމަށެވެ.
އެހެންވެ މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބަލައި، އެ ނޫހާ މެދު ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ބަޔާން ނިންމާލަމުން ސިވިލް ކޯޓުން ބުނެފައިވެއެވެ.
ނަމަވެސް އަޅާނެ ފިޔަވަޅެއް އެ ކޯޓުގެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.