ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގުތިސޯދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލު ކުރައްވާނެއެވެ.

މީގެއިތރުން މި ދަތުރުފުޅުގައި ރައީސް ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިގުތިސޯދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.