ކިޔެވުން ފަށާ ދުވަހަށް ގެންނަ ބަދަލުގެ އަސަރު މިހާރު ގްރޭޑް 9 އަދި 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރު މަހުގައި ދިނުމަށާއި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ދިރާސީ އާ އަހަރު ފެށުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
އެ ބަދަލުގެ ސަބަބުން މިހާރު ގްރޭޑް 9 އަދި 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ، ޖޫން ގައި ކަމަށެވެ. އަދި މަންހަޖު ފުރިހަމަ ކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
5 ސެމިސްޓަރަށް ބަހާލައިގެން ގެނެބޭ އެ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފިސްކަލް އަހަރާއި ތައުލީމީ އަހަރު އެލައިން ކުރެވިގެންދާނެ ކަމަށާއި އެކަމުގެ މަންފާ ސްކޫލު ހިންގުމުގެ ނިޒާމަށް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ރަށުން ބޭރުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓީތައް މިހާރު ލިބެމުންފާ މިންވަރަށްވުރެ މަދުވެގެން ނުދާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެއެވެ.
މިބަދަލާއެކު ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ބަަދަލު ގެންނާނީ ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތި ނުވާނެ ގޮތުގެ މަތިން ކަމަށާއި މިކަން ކުރަނީ އެޑިއުކޭޝަން މިނިސްޓްރީއިން ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ދިވެހިރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.