އާ އަހަރުގެ ފުރަތަމަ ދުވަހު މެންދުރު ނަމާދަށް ފަހު ޝަހީރު މަސްރީ އާއި އޭނާގެ އާއިލާއަށް ގެ ކައިރިން ބޮމުގެ އަޑު އިވުނެވެ.
ސީރިއާގެ ހުޅަނގު އުތުރުގެ ދަރަތު އިއްޒާ ކައިރީގައި އޮންނަ ޖަކިދު އަލް އަދަސް އަވަށުގައި ފާއިތުވި ހަތަރު އަހަރު ވަންދެން ދިރިއުޅެމުން އަންނަ މަސްރީ، 29، އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިން ދިރިއުޅެމުން އަންނަ ގެއާ ތަންކޮޅެއް ދުރުގައި ހުރި ބޭކަރީއަކަށް މިފަހަރު ބޮން ގޮއްވާލީ ސީރިއާގެ ސަރުކާރާއި ރަޝިޔާގެ ބައިވެރިންނެވެ.
"އެއަށްވުރެ ބިރުވެރި ކަމެއް ދުވަހަކުވެސް ނުދެކެން. ބޭރަށް ނުކުތްއިރު ފެނުނީ އާއިލާއަށް ރޮށި އަދި ހެނދުނުގެ ނާސްތާ ގަންނަން އުޅެނިކޮށް މަރުވި މީހެއް." މަސްރީ ބުންޏެވެ.
އެދުވަހު މެންދުރު ފަހު ތަކުރާރުކޮށް އެ އަވަށަށް އާޓިލަރީ ޖެއްސުމުން އާންމުން ބިރުގަނެ، ބޭކަރީއަކާއި މިސްކިތަކާއި މާރުކޭޓަކާއި ކަރަންޓުގެ ވަސީލަތް ފޯރުކޮށްދޭ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އަލެޕޯގެ ހުޅަނގުން އޮންނަ ރަށްރަށުގެ ދަރަތު އިއްޒާ، ކަބަޝިން އަދި ބުރްޖް ހައިދާރުގެ އަވަށްތަކަށް ދިން ހަމަލާތަކުގައި ހަ މީހުން މަރުވެ، އިތުރު 11 މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި ތުއްތު ކުއްޖަކާއި ދެ އަންހެނުން ވެސް ހިމެނެއެވެ.
މި ހަމަލާތައް ދީފައި މިވަނީ އޭގެ ކުރީ ދުވަހު އިދްލީބް ސިޓީއަށް ދިން ބޮމުގެ ހަމަލާއާއި އިޒްރޭލުން އަލެޕޯ އާއި ނީރާބް އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކުގެ އިތުރުން ހޮނިހިރު ދުވަހު އަލެޕޯގެ ދެކުނުގައި އޮންނަ ސީރިއާ ގެ ސަރުކާރަށް ނިސްބަތްވާ ބައެއް ތަންތަން ދިން ހަމަލާތަކަށް ފަހުއެވެ.
ސީރިއަން ސިވިލް ޑިފެންސް (ވައިޓް ހެލްމެޓްސް) ގެ ޑިރެކްޓަރެއް ކަމަށްވާ ނަދާ އަލް ރަޝީދު ވިދާޅުވީ އާ އަހަރަށް ސީރިއާގެ ރައްޔިތުން މަރުހަބާ ކިޔާފައި ވަނީ އެންމެ ފަހުން އަލްވަދާއު ކިޔަން އުޅުނު "ލޭއޮހޮރުވުމާ" ކަމަށެވެ.
އަލެޕޯ ގަވަރުނަރޭޓްގެ ޖާކިދު އަލް އަދަސްއަށް ނިސްބަތްވާ މަސްރީ އާއި އޭނާގެ އާއިލާ ވަނީ ސީރިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުގައި އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައެވެ.
އެކަމަކު މަސްރީ ހުރީ އުއްމީދުގައެވެ. "އުއްމީދަކީ އާ އަހަރު ސީރިއާގެ ރައީސް އަސަދުގެ ކިބައިން ސަލާމަތްވުން" އޭނާ ބުންޏެވެ.
ހަމަލާތައް އަމާޒުކުރަނީ އާއްމުންނަށް
މި ސަރުކާރުގެ އަމާޒަކީ މަދަނީ އުމްރާނީ ވަސީލަތްތައް ނަގައިގެން އާބާދީ ހަލަބޮލި ކުރުން ކަމަށް އަލް ރަޝީދު ވިދާޅުވިއެވެ. އަދި ޖަވާބުދާރީ ނުވުމާއި ސީރިއާ ސަރުކާރުން ހިންގާ ޖަރީމާތަކަށް އަދަބު ނުދިނުމަކީ ޖެހިލުމެއް ނެތި ހަމަލާތައް ކުރިއަށް ގެންދިއުމުގެ ފެހި ސިގްނަލް ލިބުނު ކަމެއް ކަމަށެވެ.
ބޭކަރީ ކައިރީގައި މަރުވި މީހާގެ ދައްތަ ޔަހްޔާ ޝެއިހް މުހައްމަދު، 30، ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދިރިއުޅެމުން ދަނީ އަބަދު ވެސް މަރުގެ ތެރޭގައި ހެން ހީވާ ކަމަށެވެ.
ބޮން ގޮއްވާލުމަށްފަހު އޭނާ އަވަސްވެގަތީ ބޮޑުދައިތަގެ ފިރިމީހާގެ ހަށިގަނޑު ނެގުމަށް ކަމަށް މުހައްމަދު ވިދާޅުވިއެވެ.
"އޭނަ ގޮވައިގެން ދަނިކޮށް މަރުވެފައި އޮތް އިތުރު މީހަކު ފެނުނު."
ތުރުކީގައި ހަރަކާތްތެރިވާ ނޫސްވެރިއެއް ކަމަށްވާ މުސްތަފާ އަލް ނައިމީ ވިދާޅުވީ، މި ހަމަލާތައް ދީގެން ސީރިއާގެ ސަރުކާރުން އުއްމީދު ކުރަނީ ތުރުކީގެ ބާރުގެ ދަށުގައި ވާ އަލެޕޯގެ އުތުރުގެ ރަށްތަކާއި އިދްލިބާއި އަލެޕޯގެ ހުޅަނގުގެ ރަށްތަކާ ދެމެދު ގައިދުރުކަމެއް އުފައްދަން ކަމަށެވެ.
"ޓެރަރިޒަމްގެ ނަމުގައި އިދްލީބް ގަވަރުނަރޭޓް އަށް އާޓިލަރީ އާއި މިސައިލް ބޮން އެޅުމުގެ އިތުރުން ވައިގެ ހަމަލާތައް ވެސް ލިބެމުން އެބަދޭ." އަރަބި ފޯރަމް ފޯ އެނަލިސިސް އީރާނުގެ ސިޔާސަތުތައް ދިރާސާ ކުރައްވާ އަލް ނައިމީ ވިދާޅުވިއެވެ.
އަދި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް އިންވެސްޓްމަންޓް ގެއްލުމާއި ރައްކާތެރިކަން އިހުސާސް ނުކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އިދްލީބުގެ އިގްތިސާދީ ހީނަރުކަން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސަރަހައްދުގެ 90 ޕަސެންޓަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގެ ތެރޭގައި ކަމަށާއި، އެމީހުން ބަރޯސާވަނީ ބައިނަލްއަގްވާމީ އެހީއަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ރަޝިޔާއިން ވަނީ ތުރުކީއާ ގުޅިފައިވާ ބާބް އަލް ހަވާ ބޯޑަރު ހުރަސްކޮށް ދޭ އެހީގެ ނިޒާމު އާކުރުމާ ގުޅޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު ވީޓޯކޮށް އެހީ ގެނައުން ވަރަށް ބޮޑަށް މަނާކޮށްފައެވެ.
އަދި އިޒްރޭލުން އީރާނުގެ ތަންތަނަށް ބޮން އެޅުމުން، ޔޫފްރެޓިސްގެ އިރުމަތީގައި ވާ އިޒްރޭލު ނުވަތަ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީ، އެކަމަށް އިޖާބަ ނުދެވޭތީ ވެސް އެ ސަރުކާރުން ރުޅިވެރިކަން ފާޅުކުރަމުން ދާނެކަމަށް އަލް ނައިމީ ވިދާޅުވިއެވެ.
"ކުރިއަށްވުރެ ވަރުގަދަ" - އިދިކޮޅު ލީޑަރު
ސީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި ރަޝިޔާއާއި ތުރުކީގެ އެހީތެރިކަމާއެކު 2020 ވަނަ އަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެހެން ނަމަވެސް، ސަރުކާރާއި ގުޅިފައިވާ ބާރުތަކުން މި އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ވައިޓް ހެލްމެޓްސް އިން ބުނެއެވެ.
އަލް ނައިމީ ވިދާޅުވީ ހުޅަނގު އުތުރު ކޮންޓްރޯލް ކުރާ އިދިކޮޅު ފެކްޝަންތަކުގައި ބޮމުގެ ހަމަލާތަކާ ދެކޮޅަށް ވަރުގަދަ ދިފާއުއެއް އުފެއްދުމުގެ އަސްކަރީ ގާބިލުކަން ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު ލީޑަރުން ތިއްބެވީ ދެކޮޅު ހައްދަވަމުންނެވެ.
އިދިކޮޅު ފެކްޝަންތަކުގެ އަލްފަތުހު އަލް މުބީން ޖަމާއަތުގެ އަސްކަރީ ކޮމާންޑަރު ހައްތާބު އަލް ޝާމީ ވިދާޅުވީ، އޮޕްޝަންތައް އޮތީ ހުޅުވިފައި ކަމަށާއި ހަމަލާތަކަށް ރައްދު ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިތިބީ އިހުނަށްވުރެ ވަރުގަދަކޮށް. އަސްކަރީ ގާބިލުކަމާއި އިސްނެގުމުގެ ގާބިލުކަން އެބަހުރި." އަލް ޝާމީ ވިދާޅުވިއެވެ. "މިއަދު ހިނގަމުންދާ ކޮންމެ ކަމަކީ ވެސް މިނިވަން ހަނގުރާމައަކަށް އެޅޭ ފިޔަވަޅެއް."
ސީރިއާ ސަރުކާރުން ދިން ބޮމުގެ ހަމަލާއަކީ ސީރިއާގެ ހުޅަނގު، އުތުރުން ވަކިކުރުމަށް ދިން ބޮމުގެ ހަމަލާއެއް ކަމަށް ދެބަސްވެ، ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ތުރުކީގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ކަމަށާއި އޭގެ ތެރޭގައި އަލެޕޯގެ ވަށައިގެންވާ އަފްރީން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާރުގެ ބޭރުގައި ދިރިއުޅެމުންދާ މީހުން، ސީރިއާ ސަރުކާރުގެ ބާރުގެ ދަށުގައި ދެމިތިބުމާއި، ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމަކީ ފިނި މޫސުމުގައި އެމީހުންގެ ހިތާމަތައް އިތުރުކޮށް، އެމީހުންގެ ކިބައިން ބަދަލު ހިފުމަށް ކުރާ ކަމެކެވެ.
މަދަނީ އަދި އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރުމަކީ ވެސް އެ ގައުމުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ އާބާދީގެ ބޭނުންތައް ސަރުކާރުން ފުއްދައިނުދޭ ކަމުން ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށް އަލް ޝާމީ ވިދާޅުވިއެވެ.
"މިނިވަންކޮށްފައިވާ ސަރަހައްދުތަކަށް ބޮން އެޅުން އިތުރުކުރަނީ އެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ، ސިޔާސީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތައް ފޮރުވުމަށް."