ލޯބި އެކި މީހުން ސިފަކުރަނީ އެކި ގޮތަށެވެ. އެއްބައި މީހުން ލޯބި ސިފަކުރަނީ ހިތުގައި އުފެދޭ އިހުސާސެއްގެ ގޮތުގައެވެ. އަނެއް ބައި މީހުންނަށް ލޯތްބަކީ އެކުވެރިކަމެވެ. ބައެއް މީހުން ބުނާގޮތުގައި ހަގީގީ ލޯބި ވެވޭނީ ހަޔާތުގެ އެންމެ ފަހަރަކުއެވެ. އަނެއްބައި މީހުން ބުނާގޮތުގައި ތިން ހަތަރު މީހުންދެކެވެސް ހަގީގީ ލޯބި ވެވިދާނެއެވެ. ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގް" އަކީ މިއަހަރު ރިލީޒްކުރި ފުރަތަމަ ދިވެހި ފީޗާ ފިލްމެވެ. މި ފިލްމުގެ ޓިކެޓް އެންމެ ފަހު ވަގުތު ލިބުނު ނަމަވެސް މި ފިލްމު ބަލަން ކުޑަ ވަގުތުކޮޅެއް ހުސްކޮށްލީމެވެ. ހަގީގަތުގައި މި ފިލްމަކީ ކިހިނެއްވާ ފިލްމެއްކަމެއް ވެސް ފިލްމު ބަލަން ދިޔައިރު އެހާ ބޮޑަކަށް ނޭނގެއެވެ. ފިލްމު 21:00 ގައި ފަށަން ހަމަޖެހުނު ނަމަވެސް ފިލްމުގެ ޕްރިމިއާ ނައިޓްކަމުން ފިލްމު އެޅުވުން ކުޑަކޮށް ލަސްވިއެވެ. ކެތްތެރިކަމާއެކު ފިލްމަށް އިންތިޒާރުކުރެވުނެވެ.

  • ތަރިން

އާމިނަތު ރަޝްފާ (ސަބާ)، ޝަރަފް އަބްދުﷲ (އާރިޒް)، ޝާރިފް (ނާއިފް)، އާމިނަތު ރަޝީދާ (ސަބާ މަންމަ)، ދަރާ ރަޝީދު (އާރިޒް ބައްޕަ/އެމްޕީ ސައީދު)، ވިކީ (މައިޝާ)، ޖިލްޔަން (ދާއިން)، އަމަން (ފުރުގާން) އަދި އަބާން (ފަލާހު) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ސަބާ އަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެއާ ހިލާފަށް އެމްޕީ ސައީދުގެ ހުރި ހަމައެކަނި ދަރިފުޅު އާރިޒަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ނަމަވެސް އާރިޒް އަކީ އެއްވެސް އިރަކު މުއްސަނދިކަމަށް މާ ލޯބިކުރި މީހެކެވެ. މައިންބަފައިންގެ އަގުވެއްޓިދާނެތީވެ، އެމީހުން ބުނެގެން ލަވަކިޔުންތެރިއަކަށް ނުވެވިފައިހުރި އާރިޒް އާ އެންމެ ގާތް އެކުވެރިއަކީ އޭނާގެ ގިޓާއެވެ. ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްގެން މާލެ އައިސް، ޗުއްޓީ ހޭދަކޮށްލަން އާރިޒް މާފުށްޓަށް ދެއެވެ. ރިސިޕްޝަނަށް ގޮސް ޗެކިންވެގެން އާރިޒް ރޫމަށް ދިޔައީ ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އާރިޒަށް ކޮޓަރި ތެރެއިން ސަބާ އާ ދިމާވެއެވެ. ރިސެޕްޝަނަށް ހެދުނު ގޯހެއްގެ ސަބަބުން ސަބާ އަށާއި އާރިޒަށް އެއްކޮޓަރިއެއްގެ ތަޅުދަނޑި ދެވުނެވެ. އައިސްފައި ހުރި ރުޅިން ދެމީހުން ރިސެޕްޝަނަށް ދިޔައިރު އެތަނުގައި އެވަގުތު ޑިއުޓީގައި ހުރީ ފުރުގާން އާއި ފަލާހު އެވެ. އެ ގެސްޓްހައުސްގައި ހުސް ކޮޓަރިއެއް ނެތުމުން އެރަށުގެ އެހެން ގެސްޓްހައުސްތައް އެމީހުން ބެލިއެވެ. ނަމަވެސް އުންމީދެއް ނުފެނުނެވެ. ސަބާއަށް މަޖުބޫރުވީ އާރިޒް އާ އެއްކޮޓަރިއެއްގައި ދެދުވަސް ހޭދަކުރާށެވެ.

އެ ދެދުވަސްވެގެން ދިޔައީ ދެމީހުންގެ ހަޔާތް އެއްކޮށް ބަދަލުކޮށްލި ދެދުވަހަށެވެ. ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ސަބާ އަށް އާރިޒް ދެކެ އިންތިހާ އަށް ލޯބިވެވެއެވެ. އަދި އާރިޒްއާއެކު މުޅި އުމުރު ހޭދަކުރަން ސަބާ ބޭނުންވެއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހަށް ދެމިގެންދިޔަ މި ދަތުރުގައި ސަބާއަށް އާރިޒްގެ ބޮޑު ސިއްރު ފަޅާއަރައެވެ. ދެމީހުން މާލެ އައީ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާނެ ކަމަށް ވައުދުވެފައެވެ. އާރިޒްގެ ކޯލެއްގައި އިންތިޒާރުގައި ހުރި ސަބާގެ ކެތްތެރިކަން ކޮޅުންލީ އާރިޒް އޭނާ އަށް ހަބަރުނުވުމުންނެވެ. އެއްކޮޅުން މަންމަ އޭނާގެ ކައިވެނި އަވަސްކުރީއެވެ. ނާއިފް ހުރީ ސަބާއާ މިއަދުވެސް ކައިވެނިކުރާ ގޮތަށެވެ. އަނެއްކޮޅުން ކުޑަދުވަސްކޮޅެއްގެ ސަބާގެ ހިތް އަތުލި ޒުވާނާ ހަބަރެއް ނުވެއެވެ. ސަބާގެ ކެތްތެރިކަން ކޮޅުންލިއެވެ. އާރިޒަށް ގުޅަގުޅައިގެން އޭނާ ހޭލެއްވުމަށްފަހު ދެމީހުން އެ ރޭ ދިމާކުރިއެވެ. އެ ރެއަކީ ސަބާ އަށް އާރިޒް ފެނުނު ފަހު ރެއެވެ. އާރިޒް ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އެމްޕީ ސައީދު އާ ބައްދަލުވުމުން އާރިޒް ކޮބާތޯ ސަބާ ސުވާލުކުރިއެވެ. ޖަވާބުގައި ސައީދު، އާރިޒް ރާއްޖެ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލުވި ވާހަކަ ބުނެއެވެ. ސަބާ އަށް ގޮތް ހުސްވިއެވެ. އާރިޒަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރިއެވެ. އެއްވެސް އަލިމަގެއް ނުފެނުމުން ނާއިފް އާ ކައިވެނިކުރަން ސަބާ އެއްބަސްވިއެވެ. ވެޑިން ޑްރެސް ފިޓިން އަށް ދިޔަ ދުވަހަކީ ސަބާގެ ހިތަށް ލޮޅުން އެރި ދުވަހެކެވެ. އާރިޒް ފެނުނެވެ. އާރިޒްގެ ކައިވެނިކުރި ހަބަރު ލިބުނެއެވެ.

އަވަސް މަންޒަރުތަކެއް ފިލްމުން ފެނިގެންދިޔައިރު ފިލްމުގެ ކުރީކޮޅު ހެމުން ދިޔަ އެންމެންވެސް ކުއްލިއަކަށް މައިތިރިވެއްޖެއެވެ. ފިލްމުގެ ސަސްޕެންސް ބޮޑެވެ. ނޭވާ ހިފަހައްޓައިގެން ބެލުންތެރިން ފިލްމު ބަލަމުން ދިޔަ އިރު ސަބާ ދެން ކަންތައް ކުރަންވީ ގޮތް ވެސް ބެލުންތެރިން ކިޔާދެއެވެ. ޝައުގުވެރިކަން އިންތިހާއަށް ބެލުންތެރިންނަށް ލިބިގެންދިޔައީ "ސިއްރެއް" ފަޅާއެރުމުންނެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެން ދިޔަ ގޮތް ބެލުމަށް ފިލްމު ބަލާލާށެވެ. އަވަހަށް ޓިކެޓް ނަގާށެވެ.

އާރިޒްގެ އެދުމަކަށް މާފުށީގައި ވަގަށް ޖަބުރޯލު ބިންނަށް ގޭގެއަށް ވަތް ރެއަކީ އެންމެ މަޖާ ރެއެވެ. ހަމަގައިމުވެސް އެރެއިން ކުޑައިރުގެ ހަނދާންތައް އާކޮށްދިނެވެ. ފުރުގާން އާއި ފަލާހު އުޅޭގޮތުން ނުހީ އިނދެވޭ ވަރެއް ނޫނެވެ. ހީހީ ގޮސް މާނޭވާ ލަމުން ފިލްމު ބަލަމުން ގެންދިޔައިރު މުޅި އޮލިމްޕަސް ސިނަމާ ހޯލް ތެރެއިން އިވެނީ ހުނުމުގެ އަޑެވެ. ޕަކަ ޕަކަ އަޅާފައި ހޭއަޑެވެ. ބިލީ ބުނެލާ ބަހަކުން ނުވަތަ ސަނާމެން ކޮށްލާ ކަމަކުން ހީހީ ގޮސް ހަލާކުކޮށްލިއިރު ބައެއް ސީންތައް ބެލުމަށްފަހު ތަރުހީބުގެ އަތްތިލަބަޑި ވެސް މީހުން ޖެހިއެވެ.

ފިލްމުގެ ފެށުން 2022 ގައި ނުކުތް އިނގިރޭސި ފިލްމު "ލަވް އިން ދަ ވިލާ"ގެ ފެށުމާ ގާތްކުރެއެވެ. އެ ފިލްމުގައިވެސް ފިރިހެނަކާ އަންހެނަކު ޗުއްޓީ ހޭދަކުރަން ގައުމަކަށް ގޮސްގެން އުޅުމުގެ ތެރޭގައި ޖޫލީ އާއި ޗާލީ އެއް ރޫމަކަށް ޗެކިންވެވެއެވެ. އަދި އެ ކޮޓަރީގައި ދެމީހުންގެ މުޅި ދަތުރު ހޭދަކޮށް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިއެވެ. ފިލްމު "މީ އިޝްގް" ގައި ވެސް ކަންތައް ވަނީ ދާދި އެއްގޮތަކަށެވެ. މާ ބޮޑަށް ކުދި ކިޔަނީއެއް ނޫނެވެ. ކަމުނުދާ ކަމެއް އޮތުމުން ފާހަގަކޮށްލަން ބޭނުންވީއެވެ. ޖުމްލަކޮށް ފިލްމު ރީއްޗެވެ. ފަހުގެ ތާރީހެއްގައި ބެލުނު ރީތީ ދިވެހި ލޯބީގެ ފިލްމެކެވެ.

އާޝާ އާއި ޝަރަފް ހަމަ މޮޅީ!

ފިލްމު ޕްރިމިއާކުރުމުގެ ކުރިންވެސް އަޒްހާން ބުނީ މި ފިލްމަކީ އާޝާގެ އެންމެ މޮޅު އެއް މަސައްކަތް ކަމަށެވެ. ހަގީގަތުގައި ވެސް މި ފިލްމުގައި އާޝާގެ އެކްޓިން ވަރަށް ފުރިހަމައެވެ. އޭނާގެ އެކްޓިންނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ޝަރަފްއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ ބެލުންތެރިންގެ އިތުބާރު ހޯދި ޝަރަފްގެ އެކްޓިން މި ފިލްމުގައި ވަރަށް ހިތްގައިމެވެ. މި ފިލްމު ފިލްމަކަށް ވެފައި މިވަނީ އާޝާ އާއި ޝަރަފްގެ މޮޅު އެކްޓިންގެ ސަބަބުންނެވެ. އާޝާ އާއި ޝަރަފް ހަމަ މޮޅީއެވެ.

އަމަން އާއި އަބާން ވަރެއް ނެތް!

މިދެތަރިންނަކީ ފިލްމުގެ ޖާދޫއެވެ. ބެލުންތެރިން ހީހީ ގޮސް ރޮއްވާލައެވެ. ހަމަގައިމުވެސް ހެމުން ހެމުން ގޮސް ގަޔަށް ތަދެއް އަހަރެންގެ ގަޔަށްވެސް އެރިއެވެ. ނޭވާލާނެ ޖާގައެއް ނުދީ ހޭން ޖެހޭ ވަގުތުކޮޅު އިތުރުވިއެވެ. އަމަން އާއި އަބާން އަކީ މި ފިލްމުގެ "މޫޑް" އެވެ. ޑައިލޮގްތައް ވެސް އެހާ ފުރިހަމައެވެ. އޭތި ޑެލިވާކޮށްދޭން ދެތަރިން ކުރި މަސައްކަތަށް ސާބަހެވެ. އަމަން އާއި އަބާން ވަރެއް ނެތެވެ.

ނާއިފްގެ އެކްޓިން މަތިން ހަނދާން ނައްތައެއް ނުލަމެވެ. ވަރަށް މަޑުމައިތިރި، ސަބާގެ ދެކެ އިންތިހާ އަށް ލޯބިވާ ކެރެކްޓާއަކުން އޭނާ ފެނިގެން ދިޔައިރު އޭނާ އެކްޓިން ޑެލިވާކޮށްދީފައިވާ ގޮތް ކަމުދިޔައެވެ. ފިލްމުގެ ސައިޑް ކެރެކްޓާތަކަކީ ވެސް ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކެރެކްޓާ ތަކެކެވެ. އެންމެންގެ ފަރާތުން ވެސް ފެނުނީ މޮޅު އެކްޓިންނެކެވެ. ބެލުންތެރިން ހެއްވާލައިފިއެވެ. ނޭވާ ހިފަހައްޓާލަންޖެހުނެވެ.

ކެރެކްޓާތަކުގެ މޭކަޕުން ފެށިގެން ފިލްމުން ފެނިގެންދިޔަ ހުރިހާ މަންޒަރުތަކަކީ ރީތި ހިތްގައިމު މަންޒަރުތަކެވެ. ކެމެރާގެ މަސައްކަތާއި ސިނަމެޓޮގްރަފީވެސް ވަރަށް ހިތްގައިމެވެ. އެޑިޓިން އަދި މިއުޒިކްވެސް ހިތްގައިމެވެ. ހާއްސަކޮށް ފިލްމުގެ މިއުޒިކް ވަރަށް ހިތްގައިމެވެ. ޝަހީދު ލެގަސީ ގެ ހުނަރު މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދިނެވެ. އެއާއެކު މި ފިލްމަކީ ލަވަކިޔުންތެރިޔާ މާއިން ރަޝީދުގެ ލަވައެއް ޒަމާންގަނޑަކަށްފަހު ފީޗާ ފިލްމަކުން އަޑުއިވުނު ފަހަރެވެ.

މިއީ ފިލްމުގެ ޓީމުގެ ބުރަ މަސައްކަތެކެވެ. ތަރިންގެ ހިތްވަރެވެ. ޑައިރެކްޓަރު އަޒްހާން އާއި ޕްރޮޑިއުސަރު ލީނާޒްގެ ޖާދޫއެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ތަރުހީބާ އެކުގައެވެ. ފޯރީގެ ހަޅޭކާއެކުގައެވެ.