ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި މަހުގެ 2 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލާ ފާސްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން ފެނިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ތަހުލީލު ކުރުމުން އެނގިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެ ތަކެތީގެ ބަރުދަނުގައި 1.132 ކިލޯ ގްރާމް ވެއެވެ.

އަދި އެ ޕެކޭޖާ ހަވާލުވާން އައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ފުލުހުންނާ ހަވާކުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ޕޯސްޓް މެދުވެރިކޮށް އެކި ފަހަރު މަތިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުވެސް ވަނީ 480.10 ގްރާމްގެ މެފެޑްރޯން އަތުލައިގެންފައެވެ.