މިއަދުން ފެށިގެން މާލެ ޖަލު ބަންދު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މާލެ ޖަލާ އިން ވެގެން ހުރި ދަރުމަވަންތަ ސްކޫލް ހަދާފައި ވާއިރު އެ ސްކޫލަށް ކުރިމަތިވާނެހެން ހުންނަނީ ވިލާ ކޮލެޖެވެ.

ކިޔަވާ ދަރިވަރުންނަށް ދިމާވާ ބައެއް ނޭދެވޭ ކަންތައްތަކާ ގުޅިގެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ފަށާފައި ވަނީ ހުސްވި ޑިސެމްބަރު މަހުއެވެ.

އަދި މާލެ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލު ކޮށްފައެވެ. އެގޮތުން ބަދަލުކޮށްފައި ވަނީ މާފުށީ ޖަލާއި އައްސޭރި ޖަލުން ޖާގަ ހުސްކުރުމަށްފަހުއެވެ. މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ޖަލުގައި ގައިދީން ބަންދު ކުރަން ފެށީ 2008 ވަނަ އަހަރުގެ ޖެނުއަރީ 17 ގައެވެ.

ޖަލު ބަންދު ކުރުމުން އާންމުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ދަރުމަންވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފަށާފައިވާއިރު މިދިޔަ ސަރުކާރުންވެސް ވަނީ އެތަނުގައި ކިޔަވައިދޭން ފެށުމުގެ ކުރިން އެ ޖަލު ހުސްކުރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެނިފައެއް ނުވެއެވެ.