ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަދި ގައުމީ ލަފާދޭ ކޮމިޓީއިން ނިންމި ގޮތާ ހިލާފަށް ރޯދަމަހުގެ ކުރިން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން އުޅޭ ކަމަށް އެމްޑީޕީއިން ތުހުމަތު ކޮށްފިއެވެ.

މިކަމަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރަމަޟާން މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް އެދި އެމްޑީޕީއިން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ސިޓީއެއް ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަދި ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމާ ހިލާފަށް ސަރުކާރުގެ ނުފޫޒުން މަޖިލީހުގެ އިންތިހާބު ރަމަޟާން މަސް ތެރޭގައި ބޭއްވުމަށް އީސީއިން ނިންމަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީއިން އެ ސީޓީގައި ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނީ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އުޅޭ ކަމަށް ތުހުމަތު ކުރެވެނީ ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކުގައި ގާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެދިފައިވާތީ ކަމަށެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަދި ޖަމިއްޔާތަކުން ވެސް ރަމަޟާން މަހުގެ ފަހުން އިންތިހާބު ބާއްވަން އެދިފައިވާތީ ކަމަށެވެ.

އަންނަ އަހަރު ބާއްވަން ނިންމާފައިވާ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް މި ހަފްތާގައި އާންމުކޮށް އިއުލާންކުރާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. ރޯދަމަހުގެ ކުރިން ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން އީސީއިން މަޖިލީހަށް ހުށަހެޅިއެވެ. މި މައްސަލާގައި އީސީއިން ދެގޮތަށް ހުށަހެޅިއިރު އެއްގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. ދެން އޮތް ގޮތަކީ ގާނޫނުގައި ބުނާ އިންތިހާބު ބޭއްވުމާ ދޭތެރޭގައި ދޭން ޖެހޭ 30 ދުވަސް 20 ދުވަހަށް ކުރު ކުރުން ކަމަށް އީސީއިން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ރޯދަ މަހަށް ފަހު އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.