"ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "މީ އިޝްގް" ރިލީޒްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މާދަމާ ރޭ، ޖަނަވަރީ ހަވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. މި ފިލްމަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ. ފިލްމުގައި އާރިޒް (ޝަރަފް) އާއި ސަބާ (އާޝާ) ދިމާވަނީ މާފުށީ ގެސްޓު ހައުސްއަކުންނެވެ. ދެމީހުން އެއް ރޫމެއް ބުކްކޮށްގެން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެއެވެ. އެ ދަތުރުގައި އާރިޒް އާއި ސަބާގެ ގުޅުން ބަދަހިވެއެވެ. އަދި ލޯބީގެ ގޮތުން ގުޅެއެވެ. ދަތުރު ނިންމާލާ މާލެ އަންނަ ހިސާބުން ސަބާ އަށް އާރިޒް ގެއްލެއެވެ. ސަބާގެ މަންމަގެ ރޯލުން ފެނިގެންދަނީ ކުޅަދާނަ ބަތަލާ އާމިނަތު ރަޝީދާ އެވެ. ސަބާ އަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. މުއްސަނދި މީހުންނަށް ލޯތްބަކީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ބުނެއެވެ. މިއީ ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔަ މަންޒަރެވެ.
ފިލްމު ލޯންޗްކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އަޒްހާން ބުނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ކަހަލަ އަސަރުގަދަ ފިލްމެއް ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާއިރު މިއީ ލޯބީގެ ރީތި ފިލްމެއްކަމަށް ވެސް އަޒްހާން އޭރު ވަނީ ބުނެފައެވެ. މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ނޮވެމްބަރ" އެވެ. މިދިޔަ އަހަރު އޮލިމްޕަސް ސިނަމާ ހުޅުވުމާއެކު ފުލުފުލުގައި ފިލްމުތައް ރިލީޒްކުރަމުން އައި އިރު ނިމިދިޔަ އަހަރަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް ތިޔާގި އަހަރެކެވެ. މިއަހަރު އޮލިމްޕަހުގައި ހަ ފިލްމެއް އަޅުވާނެ ކަމަށް ބެލެވެއެވެ.