ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލޭ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމާ ބެހޭ އެއްބަސްވުމުގައި ކަމާބެހޭ މުއައްސަސާތަކާ އިދާރާތަކުން މިއަދު ސޮއިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލޭގެ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ނިންމަވައިފައެވެ. އެ ނިންމެވުމާ އެއްގޮތަށް، ކައުންސިލްގެ ދަށަށް މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު
  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
  • މާލޭގެ ވަގުތީ މޭޔަރު އަހްމަދު ނަރީޝް

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން:

  • އެޗްޑީސީން ހުޅުމާލޭގައި ދެމުންދާ ހުރިހާ މުނިސިޕަލް ހިދުމަތެއް އެއް މަސްދުވަހުގެ ތެރޭ ހުއްޓާލަން ވާނެ
  • އޭގެ ފަހުން ކައުންސިލުން އެ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެ
  • އެޗްޑީސީގައި މުނިސިޕަލް ހިދުމަތްދޭ މުވައްޒަފުންނާއި ބިންތަކާއި އާލާތްތައް ކައުންސިލާ ހަވާލުކުރަން ވާނެ

މާލެ ސިޓީ ކައުންސިލްގެ ދަށަށް އެޗްޑީސީން ދެމުންދާ މުނިސިޕަލް ހިދުމަތްތައް ގެނައުމަކީ ރައީސް ވެވަޑައިގެންނެވި ވައުދެކެވެ. މޭޔަރުކަން ކުރެއްވި އިރު ވެސް ރައީސް ވަނީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެސްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.

މި މައްސަލައިގައި އެޗްޑީސީ އާއި ކައުންސިލާ ދެމެދު ހިޔާލުތަފާތުވުން އުފެދި ބޮޑު ކޯޅުމަކަށް ދިޔައެވެ. ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭ ހިމެނޭ ތަނެއް ކަމަށާއި، ސަބަބަކީ ކައުންސިލަރުންނަކީ ރައްޔިތުން ހޮވާފައި ތިބި ބަޔަކަށް ވާތީ ކަމަށެވެ. ނަމަވެސް އެޗްޑީސީން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި، އެ ކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.

ކައުންސިލުން ވަނީ މި މައްސަލައިގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ވެސް ކޮށްފައެވެ. އެކަމަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ އެޗްޑީސީ އާ އެއްކޮޅަށެވެ.