ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ ދަހިއްޔާއަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ސާލިހް އަލް އަރޫރީ މަރާލާފައިވާ ކަމަށް ފަލަސްތީނު ޖަމާއަތާއި ލުބުނާނުގެ މީޑިއާތަކުން ބުނެފިއެވެ.
ހަމާސްގެ ރަސްމީ ޗެނަލްގައި ބުނެފައި ވަނީ އަލް އަރޫރީ މަރާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ދިން ގައްދާރު ހަމަލާއެއްގައި ކަމަށެވެ. ހަމާސްގެ ޕޮލިޓްބިއުރޯގެ މެމްބަރު އިއްޒަތު އަލް ޝަރްކް މިކަން ސިފަކުރައްވާފައި ވަނީ ބިރުވެރި މަރެއްގެ ގޮތުގައެވެ.
އަލްއަރޫރީ އަކީ ހަމާސްގެ ޕޮލިޓްބިއުރޯގެ 2 ވަނަ އަށް އެންމެ އިސް ވެރިޔާގެ އިތުރުން ހަމާސްގެ ގައްސާމް ބަރިގޭޑް އުފެއްދުމުގައި ބައިވެރިވާ އެއް ފައުންޑަރުވެސް މެއެވެ. އޭނާ އަކީ މީގެ ކުރިން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެ ޖަމާއަތުގެ އެންމެ އިސްވެރިޔާވެސް މެއެވެ.
ހަމާސްގެ ޓެލެގްރާމް ޗެނަލްގައި ފޮނުވި މެސެޖެއްގައި ބުނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ގައްސާމް ބްރިގޭޑްސްގެ ލީޑަރުން ކަމަށްވާ ސަމީރު ފިންޑީ އަބޫ އަމޭރާއި އައްޒާމް އަލް އަކްރާ އަބޫ އައްމާރު ވެސް މަރާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިތުރު ހަތަރު މީހެއްގެ ނަން ވެސް ހިމެނެއެވެ.
މީގެ ކުރިން ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނެފައިވަނީ ބޮމުގެ ހަމަލާގައި ހަ މީހަކު މަރުވެފައިވާ ކަމަށާއި އެ ހަމަލާ ދީފައިވަނީ އިޒްރޭލުގެ ޑްރޯން އަކުން ކަމަށެވެ.
އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ މި ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެއީ ލުބުނާނުގެ އިސްތިގުލާލާ ހިލާފު އަމަލެއް ކަމަށް ސިފަކުއްވާ، އެކަން ކުށްވެރިކުރައްވާފައެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ހަނިއްޔާ ވިދާޅުވީ ދުވަހަކުވެސް ހަމާސް ބަލިނުވާނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެޑްވައިޒަރެއް ކަމަށްވާ މާކް ރެގެވް އެމެރިކާގެ ނިއުސް ޗެނަލް އެމްއެސްއެންބީސީ އަށް ބުނީ އެ ހަމަލާގެ ޒިންމާ އިޒްރޭލުން ނަގާފައި ނުވާކަމަށެވެ. އަދި އެއީ ކޮންމެ ބަޔަކު ދިން ހަމަލާއެއް ނަމަވެސް އެ ހަމަލާ ދީފައި ވަނީ ލުބްނާނުގެ ދައުލަތަށް ނޫންކަން ސާފުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިކަން ކުރި ބަޔަކު މި ހަމަލާ ދީފައިމިވަނީ ހަމާސްގެ ލީޑަޝިޕާ ދެކޮޅަށް." އިންޓަވިއުއެއްގައި ރެގެވް ބުންޏެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް ވެސް ވަނީ މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. އިޒްރޭލުގެ އުތުރުގައި ހަމާސްގެ ބައިވެރިއެއް ކަމަށްވާ ހިޒްބުالله އިން ކޮންމެ ދުވަހަކު ވެސް އިޒްރޭލު ސިފައިންނާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގައި، މި ހަމަލާގެ މަގުސަދަކީ އިޒްރޭލާއެކު ލުބްނާން، އާ ކުރިމަތިލުންތަކުގެ އާ މަރުހަލާއަކަށް ވައްޓާލުން ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ނުރައްކާ އިތުރުވުން"
ބެއިރޫތުން ރިޕޯޓް ކުރާ އަލްޖަޒީރާގެ ޒީނާ ހުދްރް ވިދާޅުވީ އެ ހަމަލާއަށް ފަހު ލުބުނާނުގެ ވެރިރަށުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
"ޓާގެޓްކޮށްގެން މަރާލުމުން ވެރިރަށުގައި ތިބި ގިނަ ބަޔަކަށް އިހުސާސް ކުރެވުނީ މި ހަމަނުޖެހުން އިތުރަށް ފުޅާވެ، އިތުރަށް ހޫނުވެދާނެ ކަމަށް. އެންމެންގެ ނަޒަރު މިހާރު ހުރީ ހިޒްބުއްލޯ އަމަލުކުރާނެ ގޮތަކާ މެދު" ހުދުރް ވިދާޅުވިއެވެ.
ހަމާސް ޖަމާއަތާއި ހިޒްބުއްލޯ އަށް ތާއީދުކުރާ އީރާނުން ބުނެފައިވަނީ އަލްއަރޫރީ މަރާލުމުން އިޒްރޭލާ ދެކޮޅަށް އިތުރު ދެކޮޅުވެރިކަމެއް އުފެދޭނެ ކަމަށެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ ޝަހީދުވި ލީޑަރުގެ ސަބަބުން ޝައްކެއްވެސް ނެތް ގޮތުގައި ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަމަށް އެދޭ އެންމެހާ ފަރާތްތަކުގެ މެދުގައި ޒަޔަނިސްޓުންގެ ބާރުގެ ދަށަށް ގެންދާ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. އަދި ލުބުނާނުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އަރައިގަތުން އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ.
އިޒްރޭލުން އެންމެ ފަހުން ގާޒާއަށް ދިން ހަމަލާގެ މާ ކުރިން ނަތަންޔާހޫ ވަނީ އަލްއަރޫރީ މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.
އިޒްރޭލުގެ ޕޮލިޓިކަލް އެނަލިސްޓް އަކިވާ އެލްޑާ ބުނީ މި މަރަކީ ނަތަންޔާހޫ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކާމިޔާބީއެއް ކަމަށެވެ.
އަރަބި މަރުކަޒު ވޮޝިންޓަން ޑީސީގެ ޑައިރެކްޓާ އޮފް ރިސާޗް އިމާދު ހާބް އެއްބަސްވެވަޑައިގެން ވިދާޅުވީ މިހާތަނަށް އިޒްރޭލުން ގާޒާގައި ކާމިޔާބެއް ހޯދިފައި ނުވާތީ ހަމާސްގެ ލީޑަރުން މަރާލުމަކީ ކޮންމެވެސް ގޮތަކުން ކުރަން ބޭނުންވި ކަމެއް ކަމަށެވެ. "މިއީ އިޒްރޭލުގެ އަސްކަރިއްޔާއަށާއި އިޒްރޭލުގެ ސިޔާސީ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް."
އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އިޒްރޭލު ސިފައިންނާއި ހިޒްބުއްލޯ އިން ލުބްނާނާއި އިޒްރޭލުގެ ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލުކުރަން ވަނީ ފަށާފައެވެ. އެކި ފަހަރު މަތިން އިޒްރޭލުގެ ވައިގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ އެތެރޭގައި ހިޒްބުއްލޯގެ މަރުކަޒުތައް ހުރި ކަމަށް ބުނާ ތަންތަނަށް ހަމަލާދީފައެވެ.
ހަރްބް ވިދާޅުވީ އަލްއަރޫރީ މަރާލުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އެއީ އެ ހަމަލާ ދީފައިވަނީ ބޯޑަރާއި ދުރުގައި އޮންނަ ހިޒްބުއްލޯގެ އޮޕަރޭޝަންތައް ހިންގާ ސަރަހައްދުގައި ވާތީ ކަމަށެވެ.
ހަރްބް ވިދާޅުވީ ހިޒްބުއްލޯ އިން އިޒްރޭލަށް ދޭ ހަމަލާތައް އިތުރުކުރާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުންތައް ހަނގުރާމައަކަށް ބަދަލުކުރުން ހުއްޓާލާނެ ކަމަށެވެ.
ހުޅަނގު އައްސޭރީގައި މަރާލާފައިވާ ހަމާސްގެ ލީޑަރުގެ އުފަން ރަށް ކަމަށްވާ އަރޫރާގެ މިސްކިތްތަކަށް ފަލަސްތީނު މީހުން އެއްވެ އަލްއަރޫރީ ޝަހީދުވުމާ ގުޅިގެން ވަނީ ހިތާމަ ފާޅުކޮށްފައެވެ.
މީގެ އިތުރުން ރާމައްލޯ އާ ކައިރީގައިވާ ބައެއް އަވަށްތަކުގެ ތެރޭގައި ދީރް ގައްދީސް ފަދަ އަވަށްތަކުގައި ވެސް މުޒާހަރާތަކާއި އެއްވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.